އިންސާފު ހޯދައި ދިނުމަށް އުފައްދާފައިވާ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ބަލައި ކުރިއަށް ގެންދެވޭނެ މައްސަލަތައް ކަނޑައަޅައި އެކަން އަންގަން ފަށާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައި ދިނުމަށް އުފައްދާފައިވާ އޮފީހެކެވެ.

އެ އޮފީހުގެ ޗީފް އޮމްޕަޑްސްޕާސަން އަބްދުއް ސަލާމް އާރިފު މިއަދު "ވަން" އަށް މިއަދު ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން އެ މައްސަލަތަކުގެ ތެރެއިން ބެލޭނެ ބައެއް މައްސަލަތައް ކަނޑައަޅައި އެ މައްސަލަތައް އެ ފަރާތްތަަކަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ، ބައެއް މައްސަލަތަކަކީ އިތުރު ލިޔެކިޔުންތައް ލިބިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ މައްސަލަތަކަކަށްވާތީ، އެފަދަ މައްސަލަތައް އެ އޮފީހުގެ ތަހުގީގު ޓީމުން އިތުރަށް ތަހުގީގުކޮށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް އަންގަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ މައްސަލަތައް ބެލުމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށާއި އެއީ އެ މައްސަލަތަކާ ގުޅިގެން އެ އޮފީހަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރު ކުރުމާ ގުޅޭ ގޮތުން ފަހުގެ ތާރީހެއްގައި ގޮތެއް ކަނޑައަޅާތީ ކަމަަށް ވިދާޅުވިއެވެ.

އިންސާފުގެ އޮފީހަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކާއި ބަަލަން ނިންމި މައްސަލަތަކުގެ އަދަދެއް ސަލާމް ވިދާޅެއްނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި، މައްސަލަތަކާބެހޭ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.