ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖު ނެގުން އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހުއްޓާލައި އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނެގުމުގެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިއީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ބިލް ފާސްކުރީ ޖަލްސާއަށް ހާޒިރުވި 46 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓުންނެވެ.
އެ ބިލުގައި ބުނެފައި ވަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަމުން އަންނަ 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖް އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހުއްޓާލާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފަށާނެއެވެ.
ޑިޕާޗާ ޓެކްސް ނެގުމުގައި ބަލާނީ ފްލައިޓުން ދަތުރު ކުރާ ކެޓަގަރީއަށެވެ. އެބަދަލުގައި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހީންގެ އަތުން މިހާރުވެސް ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖާ އެއްވަރަށް ޑިޕާޗާ ޓެކްސް ނަގަން ހިމަނާފައިވީ ނަމަވެސް އެހެން ބައިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނެގުމަށް ނިންމާފައިވާ އިރު، ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުން ނެގުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.
މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށްވެސް ބައެއް ބަދަލުތައް ގެނައުމަށް އިސްލާހުގައިވެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގަމުން އަންނަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސްއާ އެއްގޮތަށް އަދަދުތަކަށް ބަދަލު ގެނައުމަށް ވަނީ ހިމަނައިފައެވެ.
އެގޮތުން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގަން ނިންމާފައިވާ އިރު، ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ނެގުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު