އިޓަލީ އެގައުމުގެ ތާރީހުގައި ހަތަރުވަނަ ޔޫރޯ ފައިނަލަށް މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނާނެއެވެ. އިންގްލެންޑްގެ ހޯމް ސްޓޭޑިއަމް ވެމްބްލީއަށް މިރޭ އިޓަލީން ނުކުންނައިރު، އެޓީމުން އުންމީދުކުރާނީ 53 އަހަރުގެ އިންތިޒާރަކަށް ނިމުން ގެންނާށެވެ. އިޓަލީ އޮތީ އެ ރޫހުގައިކަންވެސް ޔަގީނެވެ.
"މާދަމާއަކީ ކެރިއަރުގެ އެންމެ މުހިއްމު މެޗު. އިޓަލީގެ ސިސްޓަމަކީ އުފަލާއެކު ކުޅެލައި މޮޅުވުން. އެ ސިސްޓަމަށް މެޗަށް ނުކުންނާނީ. މިހާ ހިސާބަށް އައީވެސް ޓީމުން 100 ޕަސެންޓް ކުރި މަސައްކަތުން. އެތައް ދުވަހެއް ވަންދެން އެކުގައި އުޅެ މިހިސާބަށް އައީ ފައިނަލުން މޮޅުވާން،" އިޓަލީ ކޯޗު ރޮބާޓޯ މަންޗީނީ މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
އިޓަލީން 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ޔޫރޯ ކާމިޔާބުކުރި ނަމަވެސް އެއީ މިހާރު ދުރު ހަނދާނެކެވެ. އޭގެ ފަހުން ކުޅުނު ދެ ފައިނަލުގައިވެސް އެގައުމަށް ކުރިމަތިވީ ހިތްދަތި ކަމެވެ. މާޔޫސް ކަމެވެ.
އިޓަލީއާއި ޔޫގޯސްލާވިއާ 1968 ވަނަ އަހަރު ކުޅުނު ޔޫރޯ ފައިނަލްގެ ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ޔޫގޯސްލާވިއާގެ ގޯލް ޑްރާގަން ޒަޖިޗް ޖަހައިދީފައިވާއިރު، އިޓަލީއަށް އެއްވަރު ކޮށްދިނީ ޑޮމެނިންގީނީއެވެ. މެޗުގެ 10 މިނެޓް ބާކީ އޮތްވައި ޖެހި ގޯލާއެކު އިޓަލީއަށް ނަތީޖާ ހަމަހަމަވުމާއެކު އޭރުގެ އުސޫލު އޮންނަ ގޮތުން ޖެހުނީ ރިޕްލޭ މެޗެއް ކުޅޭށެވެ.
ރިޕްލޭއަށް އިޓަލީ ޓީމަށް ބަދަލުތަކެއް ކޯޗު ފެރޫސިއޯ ވަލްކަރޭގީ ގެނެސްފައިވާއިރު، އެ މެޗުން މޮޅުވީ ޑޮމެންގީނީ އާއި ޖިއަންކާލޯ ޑި ސިސްޓީއީ ޖެހި ގޯލްތަކުންނެވެ. އެއީ އެއީ އިޓަލީގެ ފުރަތަމަ ޔޫރޯއެވެ. އަދި އެއީ ޔޫރޯ ތާރީހުގައިވެސް ރިޕްލޭއެއް ކުޅުނު ހަމައެކަނި ފައިނަލެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ޔޫރޯއެއް ނުހޯދި އިޓަލީ އޮތްއިރު، އޭގެ ފަހުންވެސް އިޓަލީ ވަނީ ދެފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.
2000 ވަނަ އަހަރު ޔޫރޯ ފައިނަލަކީ އިޓަލީގެ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ހިތްދަތި އެއް ބައްޔެވެ. 1968 ގެ ޔޫރޯ އިޓަލީން އުފުލާލިއިރު ޑީނޯ ޒޮފްގެ ކޯޗު ކަމުގައި ޔޫރޯއަށް ނުކުމެ އިޓަލީން ފައިނަލާ ހަމައަށް ގޮސް ކުޅެން ޖެހުނީ 1998 ގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.
އިޓަލީ އާއި ފްރާންސް ނެދަލޭންޑްސްގައި ކުޅުނު އެ ފައިނަލްގެ ދެވަނަ ހާފް ފެށިގެން ފަސް މިނެޓު ތެރޭގައި އިޓަލީން ލީޑު ނެގިއެވެ. މާކޯ ޑެލްވެޗީއޯގެ ވޮލީން އިޓަލީ ލީޑު ނަގައިގެން ނިމެން ދަނިކޮށް ފްރާންސުން ނަތީޖާ ހަމަހަމަ ކުރީ ފަހު ސިކުންތުގައެވެ. ކްލައުޑް ވިލްޓޯޑު ޖެހި އެގޯލާއެކު ފްރާންސުން ނަތީޖާ ހަމަހަމަކޮށް، ރަން ގޯލަށް މެޗު ގެންދިޔައެވެ.
ފްރާންސަށްވެސް ރަން ގޯލަށް ދިން ވަގުތުގައި މެޗުން މޮޅުވާން އުނދަގޫކޮށް ފާހަގަކުރެވިފައި އޮއްވައި، ގޯލްކީޕަރު ފަބިއަން ބާތޭޒް ދުރުން ވައްޓާލި ބޯޅައަކަށް ވޮލްޓޯޑް އަރައި ބޯޅަ ޖައްސާލުމުން ލިބުނީ އޭރިއާ ތެރޭގައި އޮތް ޓްރެޒެގޭޓަށެވެ. އޭނާ އިޓަލީ ގޯލްކީޕަރު ޓޯލްޑޯ ކައިރިން ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ. 103 ވަނަ މިނެޓުގައި ފްރާންސުން ޖެހި ރަން ގޯލާއެކު އިޓަލީގެ ހިތްތައް ކުދިކުދި ކޮށްލިއެވެ.
މުބާރަތުގެ ފައިނަލާ ހަމައަށް ސްޕެއިން ދިޔައީ އެންމެ ފޯމް ރަނގަޅުކޮށް ނޫން ނަމަވެސް އޭރު ސްޕެއިންއަކީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ ޓީމެވެ. ވަރުގަދަ އެތައް ކުޅުންތެރިންގެ އެރާއެއް ނިމެން ދިޔައިރު، ސްޕެއިން ނުކުތީވެސް ޔޫރޯ ދިފާއު ކުރުމަށެވެ. އޭރު ސްޕެއިންއަކީ ދުނިޔޭގެ ޗެމްޕިއަނުންވެސް މެއެވެ. އެކަމަށް ސަމާލުވާން ވެސް އިޓަލީއަށް އޮތީ ޖެހިފަ އެވެ. ސްޕެއިން އެޓީމުގެ ފެންވަރު ދައްކައިލީ އިޓަލީ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ. އިޓަލީ ކައިރިން ސްޕެއިން އެ ފައިނަލްގައި މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ޔޫރޯ ފައިނަލެއްގެ އެންމެ ތަފާތު ބޮޑު ސްކޯވެސް މެއެވެ.
ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީ ލަދު ގަންނަވާލައި ސްޕެއިން ވަނީ ޔޫރޯ ތަށި ދިފާއު ކޮށްފައެވެ. ސްޕެއިންއަށް އެ ފައިނަލުގައި ގޯލުތައް ޖަހައިދިނީ ޑޭވިޑް ސިލްވާ އާއި، ޖޯޑީ އަލްބާގެ އިތުރުން ފެނާންޑޯ ޓޮރޭސް އާއި ހުއާން މަޓާއެވެ. އެ ފައިނަލަކީ ސްޕެއިންގެ ރަން ޖީލުގެ ނިމުން ފެށުނު ފައިނަލް ކަމަށްވެސް ބުނެވިދާނެއެވެ.
އިޓަލީއަކީ އަބަދުވެސް ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ސިފަކުރެވިފައި އޮންނައިރު، އެޓީމުން ވަނީ މިހާތަނަށް ވޯލްޑް ކަޕްގެ ހަ ފައިނަލެއްގައި ކުޅެ ހަތަރު ފަހަރު ތަށި އުފުލާލައިފައެވެ.
1934: އިޓަލީ 2-1 ޗެކުސްލޮވޭކިއާ (އިތުރު ވަގުތަށްފަހު ނަތީޖާ)
1938: ހަންގޭރީ 2-4 އިޓަލީ
1970: އިޓަލީ 1-4 ބްރެޒިލް
1982: އިޓަލީ 3-1 ވެސްޓް ޖާމަނީ
1994: ބްރެޒިލް 0-0 އިޓަލީ (ޕެނަލްޓީގައި ބްރެޒިލް މޮޅުވީ 3-2 ގެ ނަތީޖާއަކުން)
2006: އިޓަލީ 1-1 ފްރާންސް (ޕެނަލްޓީގައި އިޓަލީ މޮޅުވީ 5-3 ގެ ނަތީޖާއަކުން)
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު