އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2، އިންގްލެންޑްގެ ގައުމީގެ ކޯޗު ގެރެތު ސައުތުގޭޓަށް އެޑްރެސްކުރައްވައި ހާއްސަ މެސެޖެއް ޓީމަށް ފޮނުއްވަވައިފިއެވެ.
އިންގްލެންޑުން 55 އަހަރަށްފަހު ބޮޑު މުބާރާތެއްގައި ފައިނަލަށް މިރޭ ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. މިރޭގެ ފައިނަލް ވެގެންދާނީ އިންގްލެންޑްގެ ފުރަތަމަ ޔޫރޯ ފައިނަލަށެވެ. މީގެ ކުރިން 1968 ވަނަ އަހަރު އިޓަލީން ޔޫރޯ ހޯދާފައިވާއިރު، އެޓީމުން ވަނީ 2000 ވަނަ އަހަރާއި 2012 ވަނަ އަހަރު ވެސް ފައިނަލްގައި ކުޅެ ބަލިވެފައެވެ. އިންގްލެންޑުން 55 އަހަރު ކުރިން 1966 ވަނަ އަހަރު ވޯލްޑް ކަޕް އަމިއްލަ ގައުމުގައި ކާމިޔާބުކޮށްފައިވާއިރު، ޓީމަށް ތަށި ދީފައި ވަނީ ރާނީގެ އަތްޕުޅުންނެވެ. ރާނީ ޓީމަށް ދެއްވި މެސެޖުގައި އެކަން ފާހަގަކުރައްވާފައިވެއެވެ.
"55 އަހަރުން ކުރިން ބޮބީ މޫރުގެ އަތަށް ވޯލްޑް ކަޕް ތަށި ހަވާލުކުރުމުގެ ޝަރަފު އަހަންނަށް ވަނީ ލިބިފައި. އެ ތަށްޓާއެކު ޓީމުގެ ކުޅުންތެރިންނަށް ކުރި އިހުސާސާއި އަސަރު އަހަރެން ހަނދާން އެބަހުރި. ބޮޑު މުބަރާތެއްގައި ފައިނަލުން މޮޅުވުމަކީ މުޅި ގައުމު ހެއްވާލާ ކަމެއް. އަހަރެން ބޭނުން ވަނީ މުޅި ޓީމަށާއި، ކުޅުންތެރިންނާ މުވައްޒަފުންގެ އާއިލާއަށް މަރުހަބާ ކިޔަން، ޓީމު ފައިނަލަށް ދިޔައީ ބުރަ މަސައްކަތުން. އަހަރެން އެދެނީ ފައިނަލުން ފުރިހަމަ ކާމިޔާބީއަށް. ތިޔަ ޓީމުގެ ކާމިޔާބީ ވެގެންދަނީ ހިތްވަރާއި، ގައުމީ ރޫހު، އަދި ގައުމުގެ ޝަރަފުގެ ނަމޫނާއަކަށް،" ރާނީ ޓީމަށް ފޮނުއްވި ހާއްސަ މެސެޖުގައި ވެއެވެ.
އިންގްލެންޑްގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންވެސް ހުންނެވީ ޓީމާއެކުގައެވެ. އިންގްލެންޑު ޖާޒީ ދައްކަވައިލައްވައި ޓީމަށް ހިތްވަރު ދެއްވާފައިވާއިރު، މުޅި ގައުމުގައި މިއަދު އޮތީ ފުޓުބޯޅަ ފޯރިއެވެ. މަގުތައް ވަނީ ދިދަތަކުން ފުރިފައެވެ. އިންގްލެންޑްގެ ހޯމް، ވެމްބްލީ ދަނޑުގައި މެޗު އޮންނައިރު، ޝާހީ އާއިލާގެ ބައެއް ބޭފުޅުންނާއި އިނގިރޭސި ބޮޑުވަޒީރުވެސް މެޗު ބައްލަވަން ސްޓޭޑިއަމަޑް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު