ޔޫރަޕް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ޔޫރޯގެ ފައިނަލަށް ވަގުތު ކުޑަތަންވަނީއެވެ. ޔޫރޯ 2020ގެ ފައިނަލަށް އިޓަލީ އާއި އިންގްލެންޑް މިރޭ ނުކުންނާނީ ތާރީހީ ހަނދާންތަކަކާ އެކުގައެވެ. ދުނިޔޭ ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ގޮތުގައި އޮތް އިޓަލީ އާއި އިންގްލެންޑަކީ ގިނަ ފަހަރުތަކެއްގެ މަތިން ކުރިމަތިލާފައިވާ ދެޓީމެކެވެ. 1933 ވަނަ އަހަރު އެ ދެ ގައުމު ފުރަތަމަ މެޗެއް ކުޅެފައިވާއިރު، އޭގެ ފަހުން ޖުމުލަ 27 ފަހަރަކު އިންގްލެންޑާއި އިޓަލީ ކުރިމަތިލައިފައިވެއެވެ.
ތާރީހަށް ބަލާއިރު، ހަނި ތަފާތަކުން ކުރި ހޯދަނީ އިޓަލީއެވެ. އިންގްލެންޑްގެ މައްޗަށް އިޓަލީން ވަނީ 10 ފަހަރަށް ކުރި ހޯދައިފައެވެ. އިންގްލެންޑަށް އިޓަލީގެ މައްޗަށް ކުރި ހޯދިފައި ވަނީ އަށް ފަހަރަކުއެވެ. އެ ކުރިމަތިލުންތައް ފެނުނީ ފޯރިގަދަ، ޝައުގުވެރި ކުރިމަތިލުންތަކުގެ ގޮތުގައެވެ. ޔަގީނުންވެސް އިޓަލީ އާއި އިންގްލެންޑުގެ ކުރިމަތިލުންތައް އާދައިގެ ގޮތަކަށް ނިމިގެން ނުދާނެއެވެ. އެ ދެޓީމުން ތާރީހުގައި ކުރިމަތިލައިފައިވާ ބައެއް މެޗުތަކަށް ނަޒަރު ހިންގާލުމުން އެކަން ސާފެވެ.
އިޓަލީ 2-1 އިންގްލެންޑް
2014 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު އިޓަލީ އާއި އިންގްލެންޑް ކުޅުނު މެޗަކީ އެންމެފަހުން ދެޓީމު ކުރިމަތިލި މެޗެވެ. ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި ކުޅުނު މެޗު ކްލައުޑިއޯ މާޝީސިއޯ ޖެހި ހިތްގައިމު ގޯލަކުން އިޓަލީ ލީޑު ނަގައިފައިވާއިރު، ޑެނިއަލް ސްޓަރިޖުގެ ގޯލުން އިންގްލެންޑް ނަތީޖާ ހަމަހަމަ ކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އިޓަލީ މޮޅުކޮށްދިން ގޯލު ޖެހީ މާރިއޯ ބަލެޓޯލީއެވެ.
އެ މެޗު ފޯރިގަދަކޮށް ފެނުނު ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އެފަހަރުގެ ވޯލްޑް ކަޕުން ދެޓީމުވެސް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ ކަމެވެ. ދެޓީމުގެ ކުރިމަތިލުން އިންސާފު ކުރީ މިރޭ ޔޫރޯ 2020 ގެ ފައިނަލް މެޗުވެސް އިންސާފުކުރާނެ ރެފްރީ ނެދަލޭންޑްސްގެ ޖޯން ކުއިޕާސްއެވެ.
އިންގްލެންޑް 0-0 އިޓަލީ (އިތުރު ވަގުތަށްފަހު)/ އިޓަލީ 4-2 އިންގްލެންޑް (ޕެނަލްޓީއަށްފަހު)
ޔޫރޯ 2012 ވަނަ އަހަރު ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ކުއާޓާ ފައިނަލް މެޗަކީ ފޯރިގަދަ މެޗެކެވެ. 90 މިނެޓު ތެރޭގައި ގިނަ ފުރުސަތުތައް ފަހިކުރީ އިޓަލީންނެވެ. ޕްރާންޑޭލީގެ ކޯޗުކަމުގައި ކުޅެމުންދިޔަ އިޓަލީގެ ޑެނިއަލް ޑި ރޮސީ އާއި އެލެސަންޑްރޯ ޑިއަމާންޓީގެ ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، މެޗުގައި ބަލޮޓެލީ އާއި މޮންޓޮލީވޯ ޖެހި ބޯޅަ ބޭރަށް ދިޔައީ ހަމަ ކިރިޔާއެވެ.
ގޯލެއް ނުޖެހިގެން މަސައްކަތް ކުރަމުން ދިޔަ އިޓަލީން ޕެނަލްޓީގައި މޮޅުވީ އިންގްލެންޑްގެ އެޝްލީ ޔަންގާއި، އެޝްލީ ކޯލްގެ ޕެނަލްޓީ އިންގްލެންޑަށް ނާކާމިޔާބު ވުމުންނެވެ. އެ ޕެނަލްޓީ ޝޫޓްއައުޓް މުޅި ދުނިޔެއަށް މަޝްހޫރުވެފައި ވަނީ އިޓަލީގެ މިޑްފީލްޑަރު އަންދްރޭއާ ޕިރްލޯގެ ހިތްގައިމު "ޕެނަންކާ" ޕެނަލްޓީގެ ސަބަބުންނެވެ. އިންގްލެންޑް ކީޕަރު ޖޯ ހާޓު ފައި ކައިރިން ޕިރްލޯ ޗިޕް ކޮށްލި ޕެނަލްޓީއާއެކު އެތައް ބައެއްގެ ސަމާލުކަން މެޗަށް ލިބުނެވެ.
އިންގްލެންޑް 2-0 އިޓަލީ
ލެ ޓޯނޯއީއަކީ ވޯލްޑް ކަޕަށް ވާމް އަޕް ކުރުމަށް ބޮޑެތި ހަތަރު ގައުމެއްގެ ދެމެދުގައި ކުޅުނު މުބާރާތެކެވެ. ހޫނު މޫސުމުގައި ކުޅުނު އެ މުބާރާތުގެ ތަށި ނެގީވެސް އިންގްލެންޑުންނެވެ. މުބާރާތުގައި އިޓަލީ އާއި އިންގްލެންޑް ވާދަކުރި މެޗު ހާއްސަވީ މުބާރާތް ހުޅުވި މެޗުގެ އިތުރުން 20 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންގްލެންޑުން އިޓަލީ ބަލިކުރި މެޗަށް ވާތީއެވެ.
އެއާއެކު އެ މެޗުގެ ތަރިވެސް މުހިއްމެވެ. އިންގްލެންޑް ގައުމީ ޖާޒީގައި ފުލްކޮށް ޕައުލް ސްކޯލްސް ކުޅުނު ފުރަތަމަ މެޗަކީ އެއީއެވެ. މެޗުގެ ފުރަތަމަ ގޯލަށް ހިތްގައިމު އެސިސްޓެއް ސްކޯލްސް ކޮށްދިންއިރު، މެޗުން މޮޅުވި ގޯލަކީ ސްކޯލްސްގެ ހިތްގައިމު ގޯލެކެވެ. އެއީ އިންގްލެންޑް ފުޓުބޯޅައަށް ސްކޯލްސް ވިދާލި މެޗެވެ.
އިޓަލީ 2-1 އިންގްލެންޑް
1990 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗަށް އިޓަލީ އާއި އިންގްލެންޑްވެސް ނުކުތީ ސެމީގައި ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ. ތިންވަނަ ހޮވި މެޗެއް ކަމަކު އެ ކުރިމަތިލުން ވީ ޝައުގުވެރި ކުރިމަތިލުމަކަށެވެ. އަދި އެއަހަރު ވޯލްޑް ކަޕްގެ މުހިއްމު މޮމެންޓްސްތަކެއް މެޗުގައި ފެނިގެން ދިޔައެވެ.
މެޗުގެ ފުރަތަމަ މޮމެންޓަކީ 71 ވަނަ މިނެޓުގައި ރީތި ކޮށްޓުންތަކަކަށްފަހު ރޮބާޓޯ ބާޖިއޯ އިޓަލީއަށް ޖަހައިގެން ހިތްގައިމު ގޯލެވެ. އިންގްލެންޑަށް ޑޭވިޑް ޕްލެޓް ބޮލުން ޖަހައިދިން ގޯލަކާއެކު ނަތީޖާ ހަމަހަމަ ކުރި ނަމަވެސް މެޗުގެ 86 ވަނަ މިނެޓުގައި އިޓަލީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ސަލްވަޓޯރު ޝިލާސީ އެ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދިއެވެ.
އިންގްލެންޑް 0-1 އިޓަލީ
މިއީ އިޓަލީ އާއި އިންގްލެންޑް ޔޫރޯ މެޗެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ޓުރިންގައި ކުޅުނު އެ މެޗަށް ނުކުތްއިރު ދެޓީމުވެސް އޮތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެއްވަރު ވެފައެވެ. ގްރޫޕްގެ އެއްވަނަ އެކަނި ފައިނަލަށް ދަތުރުކުރާއިރު، މެޗަށް ދެޓީމުވެސް ނުކުތީ މަޖުބޫރު މޮޅަކަށެވެ.
މެޗުގެ ހަމައެކަނި ގޯލަކީ މާކޯ ޓާޑޭލީ ޖަހައިގެން ގޯލެކެވެ. ފަރަންސެސްކޯ ގްރަޒިއަނީގެ ހުރަސް ޓާޑޭލީ ގޯލަށް ވައްދާލައިފައިވާއިރު، އިންގްލެންޑްގެ ރޭ ކެނެޑީ ޖެހި ބާރު ހަމަލާއެއް ވަނީ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައެވެ. މެޗުގެ އެންމެ ހާއްސަ ކަމަކީ އިޓަލީ އާއި އިންގްލެންޑް ޔޫރޯއެއްގައި ކުޅުނު ފުރަތަމަ މެޗަށް ވުމެވެ.
އިޓަލީ 0-4 އިންގްލެންޑް
މިއީ އިންގްލެންޑަށް އިޓަލީގެ ދަނޑުގައި އިޓަލީ ބަލިކުރެވުނު ހަމައެކަނި މެޗެވެ. ތަރީންގެ ޓީމެއްގެ ގޮތުގައި އޭރު އޮތް އިންގްލެންޑުން މެޗުގައި ހަތަރު ގޯލް ޖެހުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. މެޗުގައި ގޯލްތައް ޖަހައިދިނީ ސްޓޭން މޯޓެސެން އާއި ޓޮމީ ލޯޓަންގެ އިތުރުން ޓޮމް ފިނޭއެވެ. މެޗުގައި ދިނޭ ވަނީ ދެ ގޯލް ޖަހައިފައެވެ.
އެ ނަތީޖާއަކީ މިހައިތަނަށް އިންގްލެންޑަށް އިޓަލީ ކައިރީގައި ހޯދުނު އެންމެ ބޮޑު މޮޅެވެ. އަދި އެއީ މި ދެޓީމު ކުޅުނު މެޗަކުން ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާވެސް މެއެވެ.
އިޓަލީ އާއި އިންގްލެންޑުން މިރޭ ކުޅޭ ޔޫރޯ 2020 ގެ ފައިނަލް މެޗު އޮންނާނީ 00:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު