ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 241 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 241 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ 72،118 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 90 މީހެކެވެ. އެއީ މާލެ ސަރަހައްދުން 23 މީހަކާއި އަތޮޅުތެރެއިން 58 މީހަކާއި ރިސޯޓުތަކުން 6 މީހަކާއި ތަރައްގީ ކުރަމުން އަންނަ ރަށްތަކުން 3 މީހެކެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 21 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ. އަދި ކޮވިޑަށް ފަރުވާދެމުން އަންނަނީ 2،650 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 213 މީހަކު ވަނީ މަރުވެފައެވެ. އެއީ 196 ދިވެހީންނާއި 17 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.