ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރެއްވި އައްބާސް ފާއިޒް، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ބައްދަލުކުރައްވައިފި އެވެ.

އައްބާސް، މާރިޔާއާ ބައްދަލުކުރައްވާފައި މިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިނިސްޓަރު މާރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ރައީސް ނަޝީދަށް މޭ މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން މިނިސްޓަރު މާރިޔާއާއި އައްބާސް ބައްދަލުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް ސޯލިހު ހާއްސަ މަންދޫބެއް ކަނޑައެޅުއްވީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއްގެ ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރަންޖެހޭ ހުރިހާ ރިޕޯޓެއްވެސް ތައްޔާރު ކުރައްވާނެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ޖިނާއީ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު، އެ ހަމަލާ ދިން އިރު އެމަނިކުފާނަށް ދެމުންގެން ދިޔަ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ތަހުގީގެއްވެސް ވަނީ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އެ ތަހުގީގު ނިންމައި، ކަމާބެހޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، މެއި މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ފަސް މީހެއްގެ ވަނަ ވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންނެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ތިން މިލިއަން ޑޮލަރު ހުށަހެޅި ކަމަށެވެ.