ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓާ، އެމްޓިސީސީން މިއަދު ބުނީ ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ ހަތް ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުން މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި އޭގެ އިތުރުން، 460.29 އަކަ މީޓަރުގެ ސަރަހައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓިސީސީ އާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 2.6 މިލިއަން ރުފިޔާ އަށެވެ.