އިންގްލެންޑްގެ އަމިއްލަ ދަނޑު، ވެމްބްލީ ސްޓޭޑިއަމްގައި އެގައުމާ ދެކޮޅަށް ޔޫރޯ 2020 ގެ ފައިނަލްގައި ނުކުންނަން ޖެހިލުން ނުވާ ކަމަށް އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނެފިއެވެ.
މިއަހަރުގެ ޔޫރޯ 11 ގައުމެއްގައި ބާއްވަމުން އަންނައިރު، އިޓަލީ އާއި އިންގްލެންޑުންވެސް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅުނީ އަމިއްލަ ގައުމުގައެވެ. އިޓަލީން ގަދަ 16ގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗާއި ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު ވެމްބްލީގައި ކުޅެފައިވާއިރު، ކުއާޓާގައި ބެލްޖިއަމް ބަލިކުރީ ޖަރުމަނުގެ އެލިއާޒް އެރީނާގައެވެ. އަނެއްކޮޅުން އިންގްލެންޑުން އަދި ރަށުން ބޭރުގައި ކުޅުނީ އެންމެ މެޗެކެވެ. އެއީ ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗެވެ. އެ މެޗު ކުޅުނީ އިޓަލީގެ ރޯމްގައެވެ.
މުބާރާތުގެ ފައިނަލް މެޗު ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައި އޮތްއިރު، ގާތްގަނޑަކަށް 65،000 ސަޕޯޓަރުން މެޗަށް ވައްދާނެއެވެ. އޭގެ ތެރެއިން އިޓަލީން މެޗަށް ދާ ސަޕޯޓަރުންގެ ގޮތުގައި ތިބޭނީ ގާތްގަނޑަކަށް ހާހެއްހާ ސަޕޯޓަރުންނެވެ. އިންގްލެންޑުގެ އެތައް ހާސް ސަޕޯޓަރުންނެއް މެޗަށް ވަންނާނެ ނަމަވެސް އިޓަލީން ޖެހިލުން ނުވާ ކަމަށް ބޮނޫޗީ ވަނީ ބުނެފައެވެ.
" މުޅި ދަނޑުގައި ކަހަލަ ގޮތަކަށް އޮންނާނީ އިންގްލެންޑް ސަޕޯޓަރުންކަން އެނގޭ. އެކަމަކު އެކަން ވެގެންދާނީ ހިތްވަރަކަށް. ވެމްބްލީގައި ކުޅުމަށް ޖެހިލުމެއް ނުވޭ،" އުމުރުން 34 އަހަރުގެ ބޮނޫޗީ ބުނެފައިވެއެވެ.
ޕްރެސްގައި ބޮނޫޗީ ވަނީ އިންގްލެންޑްގެ ޒުވާން ސްކޮޑަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އުމުރުން 34 އަހަރުގެ ބޮނޫޗީ އާއި އޭނާގެ ޑިފެންސިވް ޕާޓްނަރު، ޖޯޖިއޯ ކިއެލީނީ 36، ނުކުންނާނީ އެވަރެޖު އުމުރު 25 އަހަރުގެ އިންގްލެންޑާ ދެކޮޅަށެވެ. އެކަމަށް ޖޯކެއްގެ ގޮތުގައި ބޮނޫޗީ ބުނެފައި ވަނީ މެޗު ވެގެންދާނީ "މުސްކުޅިންނާ ޒުވާނުންގެ ކުރިމަތިލުމަކަށް،" ކަމަށެވެ.
"އިންގްލެންޑް މުޅި ޓީމުވެސް ވަރަށް ވަރުގަދަ. ހަމަ ޔަގީނުންވެސް އިންގްލެންޑްގެ އެޓޭކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ. އިންގްލެންޑުގެ ސްޕީޑުގެ ނުރައްކާ ވަރަށް ބޮޑުވާނެ. ސަމާލުކަން ދޭން މަޖުބޫރު. މުޅި ޓީމު ހިފެހެއްޓުމަަށް ފަހަތުގައި ތިބި ހެރީ މެގުއާ އާއި ޖޯން ސްޓޯންސްގެ ކޮލިޓީވެސް ފެނިއްޖެ. އަހަރެން އަބަދުވެސް ބުނަން އިންގްލެންޑްގެ ފަހަތް ވަރުގަދަ ވާހަކަ. އެކަން ސާބިތުވެސް ވެއްޖެ،" ބޮނޫޗީ ބުނެފައިވެ އެވެ.
އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅެން ތައްޔާރު ވަނީ 55 އަހަރު ފަހުންނެވެ. އެޓީމުން ޔޫރޯގެ ފުރަތަމަ ފައިނަލަށް ތައްޔާރުވެފައި އޮތްއިރު، މީގެ ކުރިން އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލް ކުޅުނީ 1966 ވަނަ އަހަރުއެވެ. އެފަހަރު ވޯލްޑް ކަޕް އިންގްލެންޑުން ކާމިޔާބު ކޮށްފައިވާއިރު، އިޓަލީއަކީ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. އިޓަލީއަށް މިހާތަނަށް ޔޫރޯ ހޯދުނީ 1968 ވަނަ އަހަރު އެކަންޏެވެ. އެޓީމުން ވަނީ 2000 ވަނަ އަހަރާއި 2012 ވަނަ އަހަރު ފައިނަލްގައި ކުޅެ ބަލިވެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު