ޔޫރޯ 2020 ގައި ކުޅުމަށް ހަމަޖެހިފައި އޮތް 51 މެޗަށް ޔޫއެފާއިން ނަގާފައި ވަނީ 18 ރެފްރީންނާއި 22 ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އޮފިޝަލުންނެވެ. މުބާރާތުގެ ކުރިން ބައެއް ގަވާއިދުތަކަށް ލޯ ހުޅުވާލައި، ރެފްރީންނަށް ދޭން ޖެހޭ އެންމެފަހުގެ އިރުޝާދުތައް ދިނުމަށް ނިއޯންގައި ހާއްސަ ސެމިނާއެއް ޔޫއެފާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއާއެކު ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމަށް އެތައް ކަމެއް ޔޫއެފާއިން ކޮށްފައިވާއިރު، މިހާތަނަށް މުބާރާތުގެ މެޗުތަކަށް ބަލައި، ރެފްރީންގެ ނިންމުންތައް ރަނގަޅޭ ބުނެވިދާނެއެވެ.
ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު ވަގުތު، މެޗު އިންސާފުކުރަން އެއިރު ހުރި އެންތޮނީ ޓެއިލާ ނިންމި އަވަސް ނިންމުންތަކަށް ގިނަ ބަޔަކު ތައުރީފު ކުރިއެވެ. އަނެއްކޮޅުން ފައިނަލާ ހަމައަށް އައި އިރު، ރެފްރީގެ ގޯހަކަށްވެސް ވަނީ ސަމާލުކަން އަމާޒު ވެފައެވެ. ސެމީ ފައިނަލުގައި އިންގްލެންޑާއި ޑެންމާކު ކުޅުނު މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔަ ޕެނަލްޓީ ދިން ނެދަލޭންޑްގެ ޑެނީ މެކޭލީ އަށް ނުރުހުން އަމާޒުވެފައިވާއިރު، ފައިނަލް މެޗު އިންސާފުކުރާނެ ރެފްރީއަކަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.
ފައިނަލް މެޗުގައި އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުގެ ރެފްރީއަކީވެސް ނެދަލޭންޑްސްގެ ރެފްރީއެކެވެ. ޖޯން ކުއިޕާސްއެވެ. އުމުރުން 48 އަހަރުގެ މި ރެފްރީއަކީ ފުޓުބޯޅަ ބެލުންތެރިންނަށް އާ މޫނެއްވެސް ނޫނެވެ. ކޮލިޓީ ރަނގަޅު ރެފްރީއެކެވެ. ދަނޑުމަތީގައި ފެންނަ ކުއިޕާސް މަޝްހޫރު ނަމަވެސް އޭނާއަކީ ހަމައެކަނި ރެފްރީއެއް ނޫންކަން އޭނާގެ މިލްކިއްޔާތުގެ އަގުން ސާފުވެއެވެ. ކުއިޕާސްގެ ވިޔަފާރި ފަޅިއަށް ނަޒަރު ހިންގާލުން މެޗަށް މުހިއްމު ނޫން ނަމަވެސް، އެއީ ޝައުގުވެރި ވާހަކައެކެވެ.
ޑެންމާކުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި މެޗު ހުއްޓާލައި، އެރިކްސަންއަށް ހާއްސަ ޓްރިބިއުޓަކަށް ފުރުސަތު ދިނީ ކުއިޕާސްއެވެ. ސްޕެއިންއިން 5-0 އިން ސްލޮވޭކިއާ ބަލިކުރި މެޗުގެ އިތުރުން ކުއާޓާ ގައި ޑެންމާކުން ޗެކު ރިޕަބްލިކް ބަލިކުރި މެޗުގެވެސް ރެފްރީއަކީ ކުއިޕާސްއެވެ. އަދި އިޓަލީ އާއި އިންގްލެންޑް އެންމެފަހުން ވާދަވެރި މުބާރާތެއްގައި ކުޅުނު މެޗުވެސް އިންސާފުކުރީ ކުއިޕާސް އެވެ. އެއީ 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ދެޓީމު ކުޅުނު މެޗެވެ. އެ މެޗުން އިންގްލެންޑް ބަލިވީ 2-1 އިންނެވެ.
ކްލަބު ފުޓުބޯޅައިގެ އެންމެ ވަރުގަދަ މެޗުތައް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލް ފަދަ މެޗުތަކުގައިވެސް ރެފްރީކަން ކުރި ކުއިޕާސް ވަނީ ދުނިޔޭގެ އެންމެ "މުއްސަނދި ރެފްރީ" ގެ ގޮތުގައި ގިނަ ފަހަރުތަކެއްގެ މަތީން ސަމާލުކަން ހޯދައިފައެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ ނަގައިފައިވާ ކުއިޕާސްއަކީ ނެދަލޭންޑްސް އާއި ބެލްޖިއަމްގެ އެންމެ ބޮޑު އެެއް ސުޕަމާކެޓް ވިޔަފާރި ޗެއިން، ޖަމްބޯ ކުއިޕާސްގެ ވެރިޔާ އެވެ. އޭގެ އިތުރުން އޭނާގެ ވިޔަފާރީގެ ތެރޭގައި ހެއާ ސްޓޫޑިއޯއެއްވެސް ހިމެނޭއިރު، 2016 ވަނަ އަހަރު އަންދާޒާ ކޮށްފައިވާ ގޮތުގައި ކުއިޕާސްގެ މިލްކިއްޔާތުގައި އޭރުވެސް 16.5 މިލިއަން ޕައުންޑް ހުއްޓެވެ.
ކުއިޕާސްގެ ވިޔަފާރި ބެލްޖިއަމްއަށް ފުޅާކުރުމާއި ނެދަލޭންޑްސްގައި ބާރު ސްޕީޑުގައި ހިނގަމުން އަންނައިރު، އޭނާގެ މިލްކިއްޔާތު ކުރިއަށްވުރެވެސް ބޮޑުތަނުން އިތުރުވެފައިވާނެ ކަމަށް ބެލެވެއެވެ. ނެދަލޭންޑްސްގެ ދިދައިގައި ފޯމިއުލާ ވަން ޓްރެކުން ފާހަގަކޮށްލެވޭ މެކްސް ވޭސްޓަޕެންގެ ރަސްމީ ސްޕޮންސާއަކީވެސް ޖަމްބޯ ކުއިޕާސްއެވެ. ވިޔަފާރީގެ ތެރެއިން މަހުޖަނެއް ނަމަވެސް ކުއިޕާސް ރެފްރީކަން ކުރަމުން އަންނަނީ އެކަމަށް އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށް ކުރިން ވަނީ ބުނެފައެވެ. މިއަހަރުގެ ޔޫރޯ ފައިނަލަށް އޭނާ ނުކުންނައިރު، މީގެ ކުރިން ޔޫރޯ ފައިނަލެއްގައި ނެދަލޭންޑްސްގެ ރެފްރީއަކު ރެފްރީކަން ކޮށްފައެއް ނުވެއެވެ.
މުބާރާތެއްގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުވައިލާނީ ރެފްރީންނަށެވެ. ހެދޭ އެންމެ ގޯހަކުންވެސް މުޅި ދުނިޔޭގެ ނަފުރަތު އަމާޒުވާ ފަހަރާއި، ކުރެވޭ ރަނގަޅު ކަމަކުން ގިނަ ބައެއްގެ ލޯބި ލިބޭ ފަހަރު އާދެއެވެ. މެޗެއްގެ ގަދަ އޮއިވަރުގެ ތެރޭގައި ލިބޭ އެންމެ ސިކުންތު ކޮޅެއްގެ ތެރޭގައި ނިންމަން ޖެހޭ ނިންމުން ގޯހަށް ހިނގައްޖެ ނަމަ މީޑިއާގެ އިތުރުން އާންމުން އެ ރެފްރީއެއްގެ އަބުރާއި އިއްޒަތް ކަތިލައެވެ. ގިނަ ފަހަރު ރަނގަޅު އެތައް ނިންމުމަކަށްފަހުވެސް ނިންމޭ އެންމެ ގޯސް ނިންމުމެއް ވެގެންދާނީ އުމުރަށް އޭނާއަށް ނަފުރަތު އުފެދިގެން ދާނެ ނިންމުމަކަށެވެ. އުނދަގޫ މަސައްކަތެއްގެ ތެރެއިންވެސް ކުއިޕާސްއަކީ އިހުތިރާމު ހޯދާފައިވާ ރެފްރީއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު