ކޮވިޑާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ނިންމައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނީ ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން ރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ޖަމާއާތް ހަދައިގެން ނަމާދު ކުރެވެނެއެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ކުރެވޭނީ ގައިދުރުކޮށްގެން ކަމަށް އެ ސެންޓަރުން ބުންޏެވެ.

ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހެނދުނު 8:00 އިން ހަވީރު 6:00 އަށް އެތެރޭގައި ތިބެ ކެއުމުގެ ހިދުމަތް ދެވޭނެއެވެ. އަދި ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އައްޑޫގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް 15:00 އިން 18:00 ގެ ނިޔަލަށް ކުޅިވަރުގެ ހަރަކާތްތައް ހިންގޭނެ ކަމަށެވެ. ނަމަވެސް ކުޅިވަރު މުބާރާތްތަކެއް ނުބޭއްވޭނެއެވެ.

މީގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހެނދުނު 8:00 އިން ހަވީރު 6:00 އަށް ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ހުޅުވާފައި ބެހެއްޓޭނެއެވެ.

އައްޑޫގައި މިދިޔަ ހަފުތާގައިވެސް ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް އެފަހަރު ލުއި ދީފައިވަނީ ހިތަދޫ ފިޔަވައި އެހެން ރަށްތަކަށެވެ.

އައްޑޫގެ ކޭސްތަކުގެ އަދަދު މި ފަހުން ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ. އެގޮތުން އިއްޔެ އާއި މިއަދުވެސް އެ ސިޓީން ޕޮޒިޓިވްވެފައިވަނި އެންމެ މީހެކެވެ. އެ ސިޓީން މި ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ.

އައްޑޫން 11،000 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 501 މީހެކެވެ. އޭގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 52 މީހަކަށެވެ. ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަނީ ތިން މީހެކެވެ.