މުނިފޫހިފިލުވުން

މަކަރާއި ހީލަތް ހެދި ކަމަށް ބުނެ ސަލްމާން ހާން ގެ މައްސަލައެއް ފުލުހަށް

ސަލްމާން ހާން އާއި ދެކޮޅަށް އޮޅުވާލުމުގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ސަލްމާން އަދި އޭނާގެ ކޮއްކޮ އަލްވިރާގެ އިތުރުން 6 މީހަކާ ދެކޮޅަށް ޗަންދިގަރު ފުލުހަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން މި މަހުގެ 13 ދުވަހު ވަނީ ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ސަލްމާންގެ ބީއިންގް ހިއުމަން ފައުންޑޭޝަން އާ ދެކޮޅަށް އަރުން ގުޕްތާ ކިޔާ ވިޔަފާރިވެރިޔަކު މައްސަލަ ހުށަހަޅާފައިވަނީ އޭނާއަށް ވިޔަފާރީގައި މަކަރާއި އޮޅުވައިލުމުގެ ތުހުމަތުގައެވެ.

ގުޕްތާ ބުނެފައިވާ ގޮތުގައި ބީއިންގް ފައުންޑޭޝަން އާއި މަޝްވަރާ ކުރުމަށްފަހު ބީއިންގް ޖުވެލެރީ ގެ ނަމުގައި 2018 ވަނަ އަހަރު 2-3 ކުރޯޅު އިންޑިއާ ރުޕީސް ހަރަދުކޮށްގެން ފިހާރައެއް ވަނީ ހުޅުވާފައެވެ. ބްރޭންޑް ޕްރޮމޯޓު ކުރުމާއި ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޭނާއަށް ދީފައިވާ ކަމަށް ގުޕްތާ ބުނެއެވެ. ނަމަވެސް މިހާތަނަށް ފިހާރައަށް ބޭނުންވާ އެއްވެސް މުދަލެއް ފޯރުކޮށްދީފައި ނުވާއިރު މިއިން އެއްވެސް ކަމަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް ގުޕްތާ ބުނެއެވެ.

ގުޕްތާ ބުނެފައިވާ ގޮތުގައި ބްރޭންޑް ޕްރޮމޯޓު ކޮށްދިނުމަށް ސަލްމާން ހާން ވަނީ އެއްބަސް ވެފައެވެ. އަދި އޭނާގެ ޝޯރޫމް ހުޅުވުމުގެ އިވެންޓަށް ސަލްމާން ހާޒިރުވާ ގޮތަށް ހަމަޖެހިފައި ވީ ނަމަވެސް އެކަމުގައި ބައިވެރިވެފައިވަނީ ސަލްމާންގެ ޅިޔަނު އަޔޫޝް ޝަރުމާ ކަމަށް ވެސް ގުޕްތާ ބުނެއެވެ.

މިމައްސަލައިގައި ބީއިންގް ހިއުމަން ކުންފުންޏަށް އެތައް ފަހަރަކު ގުޅައި ޝަކުވާ ހުށަހަޅާފައިވީ ނަމަވެސް މިކަމުގައި ކުރިއެރުމެއް ލިބިފައި ނުވާތީ ފުލުހަށް މައްސަލަ ހުށަހެޅީ ކަމަށް ގުޕްތާ ބުނެ އެވެ.