ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އިމްތިޔާޒު ހުސެއިން އެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުންވެސް ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އިމްތިޔާޒު، އެމްއާރުޑީސީގައި އަދާކުރަމުންދިޔަ ޑީއެމްޑީގެ ވަޒީފާއިން 21 ފެބްރުއަރީ 2014 ގައި ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި އަލުން އަނބުރާ އޭނާ ވަޒީފާއަށް ނެރުމަށާއި އަދި އަނބުރާ ވަޒީފާ ދޭ ދުވަހާއި ހަމައަށް ގެއްލިފައިވާ މުސާރަ އާއި އިނާޔަތްތައް އެކީ އެއް ފަހަރާ އޭނާއަށް ދިނުމަށް، އެމްއާރުޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލަ ބަލައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، އެމްއާރުޑީސީގައި އިމްތިޔާޒު އަދާކުރަމުން ދިޔަ ޑީއެމްޑީގެ ވަޒީފާއިން އޭނާ ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފައެވެ.

މީގެ އިތުރުން އިމްތިޔާޒަކީ ވަޒީފާގައި ދެމި ހުރި މީހެއް ކަމުގައި ބެލުމަށާއި އޭނާއަށް ލިބެމުން އައި މުސާރަ އާއި އިނާޔަތްތައް އެގޮތުގައި ދިނުމަށާއި އޭނާ ކުރިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެއާ އެއްފަދަ ވަޒީފާއެއް، މަގާމުގެ ކުރިއެރުން ހައްގުވާނަމަ، މަގާމުގެ ކުރިއެރުމާ އެކު 30 މެއި 2016 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް އެމްއާރުޑީސީގެ މައްޗަށް އަންގައި ހުކުމްކުރާ ކަމަށްވެސް ސިވިލްކޯޓުން ކުރި ހުކުމްގައިވެއެވެ.

ސިވިލްކޯޓުގެ އެ ހުކުމް ބާތިލު ކުރެވެން ނެތް ކަމަށް ހައިކޯޓުން އިއްޔެ ހުކުމް ކުރީ، މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން އެމްއާރުޑީސީން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހުގައެވެ.

މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން އެމްއާރުޑީސީން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް އެދި ފުރަތަމަ ހުށަހެޅީ 23 ޖޫން 2016 ގައެވެ. ނަމަވެސް ކޯޓަށް ހާޒިރުވުމުގެ އަމުރު އެމްއާރުޑީސީއަށް ރައްދު ނުކުރެވިގެން އެ މައްސަލައިގެ ދައުވާ ފޯމު 22 ޑިސެމްބަރު 2018ގައި ބާތިލުކޮށް 17 ޑިސެމްބަރުގައި އެކަން އެ ކުންފުންޏަށް އެންގިއެވެ.

ނަމަވެސް ދެވަނަ ފަހަރަށް މި މައްސަަލަ އެމްއާރުޑީސީން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ ކުންފުނި އުވާލުމުގެ ކަންތައް ކުރިއަށް ދަނިކޮށް 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އެހެންކަމުން ކުންފުންޏެއް އުވާލުމުގެ މަރުހަލާގައި އައްޔަން ކުރާ ލިކުއިޑޭޓާގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުންފުނީގެ ނަމުގައި ދައުވާކުރުމުގެ ހައްގު ލިކުއިޑޭޓާއަށް ލިބިގެން ނުވާތީ، މި މައްސަލައަކީ ހައިކޯޓުގައި ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އިމްތިޔާޒުގެ ފަރާތުން އިޖްރާއީ ނުކުތާއެއްވެސް ނެގިއެވެ. ނަމަވެސް އެ މައްސަލައަކީ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކޯޓުން ނިންމިއެވެ.

އެގޮތުން މި މައްސަލަ ބަލައި ހައިކޯޓުުން ކުރި ހުކުމުގައި ވަނީ ސިވިލްކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އެމްއާރުޑީސީން ހުށަހަޅާފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް، އެ މައްސަލައިގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.