ކުދި އަދި މެދުފަންތީގެ ގެދޮރިވެރިކަމަށް އަމާޒުކޮށްގެން ހުޅުމާލޭގައި 114 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއުތަކުގެ ދަށުން 114 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސާސޭގްނަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާއެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސާސޭގްނަޓް ޖޭވީ ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަ ސުހައިލް އަހުމަދެވެ.
ހުޅުމާލެ ޕްލޮޓް 3-S1ގެ ލޮޓް 11445ގައި އިމާރާތް ކުރުމަށް ހަމަޖައްސާފައިވާ މި ހައުސިން ޔުނިޓުތަކަކީ ވީހާވެސް އަގު ކުޑަކޮށް އާއްމުންނަށް ހުޅުވާލުމަށްޓަކައި ޕްރައިޒް ކެޕް ކުރެވިފައިވާ ޕްރޮޖެކްޓެކެވެ. މިގޮތުން 60 ޕަސަންޓު ޔުނިޓުތައް ވިއްކޭނެ އެއްމެ ބޮޑު އަގަކީ އަކަފޫޓަކަށް 2185 ރުފިޔާއެވެ. އަދި ބާކީ 40 ޕަސަންޓު މާކެޓު އަގުތަކުގައި ވިއްކުމުގެ ފުރުސަތު ވަނީ ޑިވަލޮޕަރަށް ދީފަ އެވެ.
ޑީޓެއިލް ޑްރޮވިން އެޕްރޫވް ވުމުން 36 މަހުގެ ތެރޭގައި މި މަޝްރޫއު ނިންމަން ޖެހެއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެގެން ދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ހިދުމަތްތަކާއި އެކު އަތްފޯރާފަށުގައި ފޯރުކޮށްދެވިގެން ދާނެ މުހިއްމު ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އަދި މި މަޝްރޫއު އާއި ބެހޭ ގިނަ މައުލޫމާތުތަކާއި އިންވެސްޓަރުންނަށް ހުރި އެހެނިހެން ފުރުސަތުތަކުގެ މައުލޫމާތު މި ކޯޕަރޭޝަންގެ "މައި ހުޅުމާލޭ ޕްރޮޕަޓީސް" ވެބްސައިޓުން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު