ވޯޓަށް އަހަން ބޭނުންވާ ވަރަށް މެންބަރުން ހަމަނުވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވާ ތިން ބިލަކަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލައިފިއެވެ.
ކޮމިޓީތަކުން ދިރާސާކޮށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ތިން ބިލަކީ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފޮނުވި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލާއި އިގުތިސާދީ ކޮމިޓީން ފޮނުވި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ފޮނުވި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލުތަަކަށް ވޯޓަށް އަހަން ހަމަޖައްސާފައި އޮތް ގަޑިއަކީ 11:00 އެވެ.
ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައި ގަތުމަށް ވޯޓަށް އެހުމަށްފަހު އެގަޑީގައި ދެން އޮތް ތިން ބިލަށް ވޯޓަށް އެހުމަށް މަޖިލީހުގެ ނާއިބު ރައީސް ނިންމެވި އިރު އެ ބިލުތަކަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލިސް ޖަލްސާގައި މެންބަރުން ހަމައެއް ނުވެއެވެ.
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހޭނީ 44 މެންބަރުން ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ކަމަށެވެ. ނަމަވެސް ޖަލްސާގައި އެވަގުތު ތިއްބެވީ 39 މެންބަރުން ކަމަށް ވިދާޅުވެ އެ ތިން ބިލަށް ވޯޓަކަށް ނޭއްސެވިއެވެ.
ނަމަވެސް އެއަށް ފަހު އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާ އެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް، އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅި ގަރާރު ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހިއިރު ޖަލްސާގައި 47 މެންބަރުން ހާޒިރުވެ ތިއްބެވިއެވެ.
އެ ރިޕޯޓު މަޖިލީހުން ފާސްކުރީ އޭގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްްވައިގެންނެވެ.
އެއަށްފަހު ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިމުނީކަން އިއުލާން ކުރައްވައި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖަލްސާ ބާއްވާ ގަޑި ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު