މަރާލުމަށްފަހު ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މީހުން ދިރިނޫޅޭ ސަރަހައްދުގެ މޫދު ތެރެއިން ފެނުނު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާގެ ޓްރިވެންޑުރަމަށް ފޮނުވާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައި ނިމިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ރިޕޯޓު އަދި ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އޮފިސަރު ވިދާޅުވީ އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ ޝެޑިއުލް ފްލައިޓްތައް މަދުވުމުން ކުއްޖާގެ ހަށިގަނޑު މާލެ ގެނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ކުއްޖާއަކީ ރަހީނުކޮށްގެން ގެންގުޅުނު ކުއްޖެކެވެ. އެކަމުގެ ރިޕޯޓު އާއިލާގެ ފަރާތުން ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތޭރެއިން 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މީހުންނަށް ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތާއި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގެ އިތުރުން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު