ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބުތަކުގައި ވާދަކުރަން ޖެހޭނެ ކަމަށް ބުނުމަކީ ގާނޫނުއަސާސީގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) އެމްޑީޕީގެ މިހާރުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލު ކުރުމަށް ''އާސްކް ސްޕީކާ''ގެ ނަމުގައި ރޭ ކުރިއަށް ގެންދިޔަ ޕްރޮގުރާމުގައި ރައީސް ޔާމީނަށް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނަށް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ދެރައެއް ލިބެން އެދިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި، ގާނޫނުއަސާސީ އިސްލާހު ކުރި ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަންވެސް ކުރެއްވި އިބުރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވެންވާނެ ކަމައް ބުނުމަކީ ވެރިކަމުގައި މުޖުރިމަކު ބެހެއްޓުން އެންމެ ރަނގަޅު ކަމަށް ބުނުން ކަމަށެވެ.
ރައީސް ޔާމީނަކީ މިވަގުތައް ބަލާ އިރު ޖިނާއީ ކުށް ކުރި ކަމަށް ޝަރީއަތުން ސާބިތުވެފައިވާ މުޖުރިމެއް ކަމަށްވެސް އިބުރާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
އެ މައްސަލައިގައި އެމަނިކުފާނު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.
މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު