ރާއްޖޭގައި ވެރިކަމެއް ދެންވެސް އުފުދިގެންދާނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށްވުރެ އިތުރު ކުރުމަށް 'ސާފު އަމާޒަކަށް' ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ކޯލިޝަނަކާ ނުލައި ވެރިކަންކުރުމަކީ އަދި ވާނެ ކަމެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގައި ކުރިއަށް މިއޮތް ދުވަސްތަކުގައި އަދިވެސް ވެރިކަން އުފުދިގެންދާނީ ކޯލިޝަންތަކުގެ ތެރެއިން. ވޭތުވެދިޔަ ތިން އިންތިހާބުގައިވެސް ވެރިކަން އުފެދިފައި އޮތީ ކޯލިޝަންތަކާ އެކުގައި،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ސިޔާސީ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ރާއްޖެއަށް މިއަދު އެންމެ މުހިންމީ ތަފާތު އައިޑޮލަޖީތަކެއް ހުރި ޕާޓީތައް އެކުގައި މަސައްކަތް ކުރާނެ މާހައުލެއް ގާއިމުކުރެވި އެއްކޮށް އުޅޭނެ ހުނަރުވެރިކަމާއި ވިސްނުން ހުރި ބަޔަކު ލީޑް ކުރާ ސިޔާސީ މަސައްކަތެއް އުފެއްދުން ކަމަށެވެ.

"ކޯލިޝަނާ އެކުގައި މަސައްކަތް ކުރާ އިރުގައި ދޭންޖެހޭ ދޫތަކާއި ހިފަހައްޓައްޖެހޭ ހިފެހެއްޓުންތަކާއި އެއްބާރުލުންތައް ދީގެން އެކުވެރިކަމާ އެކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ސިޔާސީ މަސައްކަތް ބައްޓަން ނުކުރެވޭހާ ހިނދަކު ރާއްޖެއަކަށް ފާގަތި މުސްތަގުބަލެއް ނެތް،" އިމްރާން ވިދާޅުވިއެވެ.

ރާއްޖެއަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ތަފާތު ޕާޓީތައް އެކުގައި މަސައްކަތް ކުރާ އިރު، ކޮންމެ ބަޔަކުވެސް އެބައެއްގެ މައިގަނޑު އަސާސްތަކަށް ވިސްނައިގެން އެހެން ފަރާތްތަކާ އެކުގައި މަސައްކަތް ކުރުމުގެ ރޫހެއް ދިރުވައި، ހުރިހާ ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ހޯދައިދިނުން އެއީ ސިޔާސީ ލީޑަރުން މިއަދު ކުރަންޖެހޭ ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން އެހެން ވިދާޅުވި އިރު، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ، ރާއްޖޭގައި ދެން ރިޔާސީ އިންތިހާބެއް ބޭއްވުން އެއީ ނާދިރު ކަމެއް ކަމަށެވެ.