ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ

ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އަޝްމަލީ ހިމެނޭހެން އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންނަށްވެސް ވަނީ ބަންދުގެ މުއްދަތު ޖަހައިފައެވެ. އެގޮތުން އަޝްމަލީގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފައެވެ.

ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އަޝްމަލީ ހައްޔަރުކުރިކަން ހައި ކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ އެ ގައުމުގެ ނިއުސް ފަސްޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވާފައިވެއެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާން އެސްޑީއައިޖީ އަޖިތް ރޯހާނާ "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ، އަޝްމަލީ ހައްޔަރުކުރީ އިއްޔެ ހެނދުނު 9:50 ގައި ކަމަށް ވިދާޅުވިއެވެ.

އަޖިތް ވިދާޅުވި ގޮތުގައި، އަޝްމަލީގެ މައްޗަށް ކުރަނީ 15 އަހަރުގެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.

މައުންޓް ލެވިނިއާގައި ކުޑަކުދިން ލައްވައި ހަށި ވިއްކަމުން ދިޔަ މައްސަލައެއްގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި އެކުއްޖާގެ މަންމަވެސް ހިމެނޭ ކަމަށެވެ.

އަދި އެ ކުއްޖާ ވިއްކުމަށް ސޯޝަލް މީޑިއާގައިވެސް އިސްތިހާރު ކުރި ކަމަށާއި އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާ މިދިޔަ ޖޫން މަހުގެ ކުރީކޮޅު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.