ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓް ކުރި އައިޑީ ހިންގާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް އިތުރުކޮށްދީފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މީހާގެ ވަނަވަރު ފުލުހުން އާންމު ނުކުރި ނަމަވެސް، އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓުވީޓް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އެ ޕާޓީގެ މެމްބަރެއް ކަމަށްވާ މުހައްމަދު އިނާދު ކަމަށެވެ. އަދި އޭނާ އެ ޕާޓީން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

އިނާދަކީ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރި މީހެކެވެ. 'ރޯޔަލް ހުސައިން ތަކުރު'ގެ ނަމުގައި އޭނާ ހިންގާ ޓުވިޓާ އެކައުންޓުން އިންޑިއާ ހައިކޮމިޝަން ވަރަށް އަވަހަށް ގޮއްވާލާނެ ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ހަތް ދުވަސް އިތިރުކޮށްދީފައިވާ ކަމަށެވެ.

ގައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމެޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭ ގޮތުން އޮންލައިން ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެކަމާ ގުޅިގެން އެ ދެ އިމާރާތުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.