ގިނަ ބަޔަކު ހިފާ ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލުމާ ގުޅިގެން ސަލަފު ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް، ނަޝީދަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ސިޓީއެއް ފޮނުވައިފިއެވެ.
ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެންވެސް، ރާއްޖެއަށް ދިމާވާން އުޅޭ ކަންކަމުން އަރައި ގަންނަން އެބަ ޖެހޭ ކަމަށް ކްލަބް ހައުސްގައި އެމްޑީޕީ ހަރުގޭގެ ނަމުގައި ހަދާފައިވާ ގުރޫޕުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ސަފަލުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ ނަޝީދު ވަނީ ގާނޫނު އަސާސީގެ އަސާސްތައް މުގުރައި ބާރުކެނޑުމުގެ މަގަށް ވާހަކަދައްކަވާފައި ކަމަށެވެ. އަދި ގާނޫނު އަސާސީ ނެގެހެއްޓުމަކީ ކޮންމެ ރައްޔިތަކަށް ލާޒިމްކުރާ ކަމެއް ކަމަށާއި ގާނޫނުތައް ހިމާޔަތްކޮށް ތަންފީޒުކުރާ ފަރާތްތަކާއި ގާނޫނުތައް ހެދުމުގެ މައި މަޖިލީހުގެ އެންމެ އިސްފަރާތްތަކުން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކި ކުށަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ބުންޏެވެ.
ނަޝީދު ވާހަކަ ދެއްކެވީ ބަޔަކު މީހުން ކުށެއްގެ ތުހުމަތުގައި ހިފައި ހައްޔަރުކޮށް، މުއްދަތެއް ނެތްގޮތަށް ބަންދުގައި ބޭތިއްބުމަށް ކަމަށާއި އެ ވާހަކަތައް ދައްކަވާފައިވަނީ ސަމާސާ މޭރުމަކުން ނޫންކަން އަޑުއެހި ފަރާތްތަކަށް ދޭހަވާނެ ކަމަށްވެސް ސިޓީގައިވެއެވެ.
"ވަކީން ހާއްސަކޮށް މަނިކުފާނަށްވެސް ވަންހަނާވެފައި ނޯންނާނެ ފަދައިން ނަޝީދަކީ މީގެ ކުރީންވެސް ގާޒީއަކު ހައްޔަރުކޮށް ކޯޓުގައި ތަޅުއަޅުވައި ގާނޫނުން ބޭރުން އެތައް ޖަރީމާއެއް ހިންގައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވުމުގެ ސަބަބުން، އެމަނިކުފާނުގެ ކަންތަކުގައި، އޭރުގައި އިދިކޮޅު ހަރަކާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަގުވާމީ ދާއިރާތަކާއި، މަނިކުފާނުން އިސްވެ ހުރެ ގާނޫނު އަސާސީ ނެގެހެއްޓުމުގެ ގޮތުން ފުރަމާލޭގެ މޫނުމަތީގައި 21 އަކަށް ދުވަހު ރައްޔިތުންގެ ޖަމާއަތަކާ އެކު އިހުތިޖާޖުކޮށް، އަޑުއުފުލާފައިވާ ފަރާތެއް. އެކުށްތަކުގައި ގާނޫނު ތަންފީޒު ވިޔަނުދިނުމަށްވެސް އަނެއްކާ އިހުތިޖާޖުކުރީ ހަމަ މަނިކުފާނު،" ސަލަފުގެ ސިޓީގައިވެއެވެ.
ނަޝީދު އަނެއްކާވެސް އެފަދަ ކަމެއް ކުރެއްވުމުން އެކަށީގެންވާ ފިޔަވަޅު ނާޅައި ދޫކޮށްފިނަމަ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ގައުމުގެ އަމަންއަމާން ކަމަށް އަންނަ ލޮޅުންތަކާ މެދު ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރު ކަމަށްވެސް ސިޓީގައިވެއެވެ.
"ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ސާފުކޮށް ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބަޔާންކޮށްދީފައިވާ އިރުވެސް، ގާނޫނީ އެއްވެސް ހަމައެއް ލަމައެއްނެތް ބީދައިން އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު ވާހަކަ ދެއްކެވުމީ އެހެނިހެން ރައްޔިތުންނަށް އޭގެ ނުބައި އަސަރު ނުފޯރައި ނުދާނެ ކަމެއްކަން ޔަގީން. އަދި ގާނޫނުގެ އިމުގެ ބޭރުން މީހުން ހައްޔަރުކޮށް، އެބައެއްގެ އަސާސީ ހައްގުތަކަށް އަރައިގަތުމަށް ދެއްކެވި ވާހަކަފުޅާއެކު، އެފަދައިން ޣައިރު ގާނޫނީ އަމަލު ހިންގައިފިނަމަ، ދެން ތިބި ރައްޔިތުންނަށް އެދެއްކެނީ ނުބައިކަން ބޮޑު ނަމޫނާއެއް،" ސިޓީގައިވެއެވެ.
ސިޓީގައި އިތުރަށް ވަނީ ގާނޫނަކީ ހަމައެކަނި ވަކިބައެއްގެ މައްޗަށް ތަންފީޒުކޮށްފައި، އެވަގުތަކު ބާރުވެރިބަޔަކު ތަންފީޒުނުކޮށް ނުވަތަ ވަކި ބަޔަކު އިސްތިސްނާކޮށް، މުނިފޫހިފިލުވުމެއްގެ ގޮތުގައި އަނިޔާވެރިކަން އާއްމުކުރުމަށް ހަދާފައި އޮންނަ އެއްޗެއް ނޫން ކަމަށެވެ.
ކްލަބް ހައުސްގައި އެމްޑީޕީ ހަރުގޭގެ ނަމުގައި ހަދާފައިވާ ގުރޫޕުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިއީ ސަރުކާރުން އެއްގޮތަކަށްވެސް ފަހަތު ފަޔަށް ބުރަވެފައި އޮންނަންވީ ވަގުތެއް ނޫން ކަމަށާއި ކުއްލި އަކަށް ކުރަންޖެހޭ ނުވަތަ ހިންގަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރުކުރަން މިއަދު ވަނީ ބޭނުން ޖެހިފައި ކަމަށް ވިދާޅުވިއެވެ.
މިހާރު މީހުންނަށް އަނިޔާއާ ގެއްލުން ދެނީ ޓެކްނޮލިޖީގެ ގޮތުން ކުރި ހޯދައިގެން ތިބި ބަޔަކު ކަމަށެވެ. އަދި ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަމަލާވެސް ދޭނެތީ، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގައުމަށް ދިމާވެގެން މިއުޅެނީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފަނޑިޔާރުން ވިސްނަންޖެހޭ ކަމަށެވެ. އަދި އާދައިގެ ކުދިންނަށް ޖަލުން ނުކުމެވޭނެ ގޮތެއް ނުވެފައި ތިބި ނަމަވެސް، ޓެރަރިޒަމްގެ ފިކުރުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މައާފު ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު