ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރު 100،000 ރުފިޔާއިން އެއް މިލިއަން ރުފިޔާއަށް ސުޕްރީމް ކޯޓުން މިއަދު ބޮޑުކޮށްފި އެވެ.

މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި މިހާތަނަށް ނަގައިދެމުން އައީ 100،000 ރުފިޔާ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި 133،000 ރުފިޔާ ނަގައިދީފައިވެސް އެބަހުއްޓެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އަދަބު ކަނޑައެޅުމުގެ އުސޫލު ބުނާގޮތުން މަރަށް މަރު ހިފޭނީ މަރުވި މިހާގެ ވާރިސުން ކުރެ 15 އަހަރު ފުރިފައިވާ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނަމަ ކަމަށެވެ. އެންމެ ވާރިސަކު މަރަށް މަރު ހިފަން ބޭނުން ނުވި ނަމަވެސް މަރަށް މަރު ނުހިފޭނެއެވެ.

ސުޕްރީމް ކޯޓުން ބުނީ މަރުގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ލުއި މިންވަރަކީ އެއް މިލިއަން ރުފިޔާ ކަމަށާއި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފަން އަމުރުކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.

އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔަ ކަނޑައަޅާފައިވަނީ 100 ޖަމަލުގެ ނިސްބަތުންނެވެ. ނަމަވެސް އެ ޖަމަލުތަކުގެ އަގަށްވާ ފައިސާއިންވެސް މަރުގެ ދިޔަ ދެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.