މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގައުމީ ޔުނިވާސިޓީގައި އަދާކުރަމުން ދިޔަ ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން އެ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް މިއަދު "ވަން" އަށް ވިދާޅުވީ އިޔާޒްގެ މައްސަލަ ކޮމިޓީން ބެލުމަށްފަހު މިއަދު އޭނާ އެ ޔުނިވާސިޓީން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރަން ނިންމާފައިވަނީ ކުރިންވެސް ހިންގާފައިވާ ކަންކަމަށް ރިއާޔަށް ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އެގޮތުން މީހުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ލިޔުންތައް ލިޔެފައި ހުރުމާއި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ލިޔުންތައް ލިޔުމާއި އަދި އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ ގޮތަށްވެސް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔެފައި ހުރުމުން ކަމަށެވެ. އަދި މިއީ އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކަކަށްވާތީ، އޭނާ ވަކި ކުރަން ނިންމީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމީ ވަކި ކުރަން. ކޮމިޓީން އެންގި ގޮތަށް މިއަދު އޭނާ ވަކިކޮށްފިން. އެގޮތަށް ވަކި ކުރީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު. އެގޮތުން މީހުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ލިޔުންތައް ލިޔެފަ ހުރުމާއި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ލިޔުންތައް ލިޔުމާއި އަދި އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ ގޮތަށްވެސް ލިޔެފަ ހުރުމުން. އެގޮތަށް ނިންމީ ކުރިންވެސް ކޮށްފައިވާ ކަންކަމަށް ރިއާޔަށް ކުރުމަށްފަހު،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ކުރިން އިޔާޒަށް ތިން ފަހަރެއްގެ މަތީން އަނގަބަހުންނާއި ސިޓީން ނަސޭހަތްދީފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް މީގެ ކުރިން ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ނަސޭހަތްދިނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު. އެ ދުވަހު ވަނީ އަނގަބަހުންނާއި ސިޓީން ނަސޭހަތްދީފަ. ދެން އެ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުވެސް ވަނީ އަނގަބަހުންނާއި ސިޓީން ޖަވާބުދެވިފަ. އަދި މިއަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުވެސް ވަނީ އޭނާއަށް އަނގަބަހުންނާއި ސިޓީން ނަސޭހަތްދެވިފަ. އަދި އެއީ އެންމެ ފަހުގެ ވާނިން ކަމަށްވެސް އެންގިފައިވާނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އޭނާ ވަކި ކުރިކުރަން ކޮމިޓީން އެންގުމުން، މިއަދު އޭނާ މަގާމުން ވަކިކޮށް، އެކަން ރަސްމީކޮށް އިޔާޒަށް މިއަދު އަންގާފައިވާ ކަމަށެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިޔާޒް ދައްކަވާ ވާހަކަތައް ހޫނުވެ، އޭނާއަށް ފިޔަވަޅު އަޅައި އެމްއެންޔޫއިން ވަކި ކުރުމަށް ގިނަ ފަރާތްތަކެއް ވަނީ މީގެ ކުރިން ގޮވާލައިފައެވެ. އެގޮތުން އިޔާޒުގެ މައްސަލަ ބަލައި ވަކިކުރުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވެސް ގޮވާލެއްވިއެވެ.

އަންހެނުން ހިތާނުކުރުމަަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ތާއީދު ކުރައްވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ހުށަހަޅައިފައެވެ.

އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓްވިޓަކާ ގުޅިގެން ގިނަ ބަޔަކު ނަފުރަތު އުފައްދަމުން ގެންދާ ކަމަށާއި އަންހެނުން ހިތާނު ކުރުމަކީ އެއްވެސް އިރެއްގައި އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާނެ ކަމެއް ނޫން ކަމަށް ބުނެ މައާފަށް އެދި އިޔާޒް ވަނީ މިދިޔަ ހޯމަ ދުވަހު ބަޔާނެއް ނެރިފައެވެ.

އިޔާޒް ވިދާޅުވީ އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގައި އޭނާ ޓުވީޓު ކުރެއްވީ އެ ކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަމަށެވެ. އަދި އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.