ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާގެ ވަޒީފާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް އަލުން ދީފިއެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި އަދާކުރައްވަމުން ގެންދެވި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކިކުރީ އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އިޔާޒުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހުސްވި ޖޫންމަހު ޓްރައިބިއުނަލުން ނިންމީ އިޔާޒު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ހަތް ދުވަސް ތެރޭގައި ދޭންޖެހޭނެ ކަމަށެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ވެސް ޓްރައިބިއުނަލުން އަމުރުކުރިއެވެ.

ޑރ. އިޔާޒަށް ދިނީ، ވަޒީފާއިން ވަކިކުރިއިރު ވެސް ހުންނެވި މަގާމު ކަމަށްވާ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ސީނިއާ ލެކްޗަރާގެ މަގާމެވެ.