ފުލުހެއްގެ އަމަލުތައް ހުރި ގޮތުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި 3000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެކަން ހިނގާފައިވަނީ އިއްޔެ ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގަ އެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި، ފުލުހުންގެ ފަރާތުން ހާޒިރު ވެ އިން ސާޖެންޓް އިބްރާހިމް ޝަބީން އެއްޗެއް ކަމުން ދިއުމުން ގާޒީ ދީބާނާޒް ފަހުމީ ވަނީ ޝަރީއަތް ހުއްޓާލައި އަނގަ ސާފު ކޮށްގެން އައުމަށް އެދިވަޑައިގެންފަ އެވެ.

އަނގަ ސާފުކޮށްގެން އައުމުން އަލުން ޝަރީއަތް ފަށައި އިރުކޮޅެއް ނުވެ ގާޒީގެ ހުއްދައާ ނުލައި އޭނާ ވަނީ ގޮނޑިން ދެތުވެ އެހެން ތާކަށް ގޮސްފަ އެވެ.

އެއާއެކު ގާޒީ ދީބާނާޒް ފަހުމީ ނިންމެވީ ފުލުސް މީހާ ޝަރީއަތުގެ ހުރުމަތް ކެނޑި ކަމަށެވެ. އަދި ތިން ހާސް ރުފިޔާއިން ފުލުހުންގެ މުއައްސަސާ ޖޫރިމަނާ ކުރުމަށް ވަނީ އަމަރުކުރައްވައިފަ އެވެ.

ޝަރީއަތުގެ މަޖިލިސް ފެށުމަށްފަހު، ގާޒީގެ ހުއްދައާ ނުލައި ގޮނޑިން ދެތުވެ، ކައިބޮއި ހަދައި ވާހަކަ ދެއްކުމަކީ ވެސް ވަގުތުން އަދަބު ކަނޑައެޅިގެންދާ ކުށްތަކެކެވެ. މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ޖޫރިމަނާ ކޮށް އަދި ބައެއް ފަރާތްތަކަށް ޖަލު ހުކުމް ވެސް އިއްވާފަ އެވެ.