އެއްދުވަހަކު ނޫސްވެރިޔަކު މައިކްރޯސޮފްޓްގެ ބާނީ ބިލްގޭޓްސްއާ ސުވާލެއް ކުރިއެވެ.
"މަނިކުފާނަށް ވުރެ މުއްސަނދި މީހަކު މި ދުނިޔޭގައި ހުންނާނެތޯއެވެ؟"
ބިލްގޭޓްސް ޖަވާބު ދިނެވެ.
"އާނއެކެވެ، އަހަރެންނަށް ވުރެ މުއްސަނދި މީހަކު މިދުނިޔޭގައި އެބަހުއްޓެވެ."
އެއަށްފަހު ބިލްގޭޓްސް ވާހަކައެއް ކިޔައިދޭން ފެށިއެވެ.
"އެ ދުވަސްވަރަކީ އަހަރެން އެހާ މުއްސަނދި އަދި މަޝްހޫރު ދުވަސްވަރެއް ނޫނެވެ. އެއްފަހަރަކު އަހަރެން ފުރަންވެގެން ގޮސް ނިއުޔޯކުގެ ވައިގެ ބަނދަރުގައި ހުއްޓާ ނޫސް ވިއްކާ މީހަކާ ދިމާވިއެވެ. އޭނާގެ އަތުން ނޫހެއް ގަންނަން އަހަރެން ބޭނުންވިއެވެ. އޭނާގެ ކައިރިއަށް ގޮސް ނޫހެއް ހޯދުމަށްފަހު އަހަރެން ޖީބު ބަލައިލިއިރު ނޫސް ގަނެވޭ ވަރަށް އަހަރެންގެ އަތުގައި ފައިސާއެއް ނެތެވެ. ވުމާއެކު ނޫސް ގަތުމުގެ ހިޔާލު ދޫކޮށްލާފައި އޭނާ އަތަށް އަނބުރާ ނޫސް ދެމުން އަހަރެން ބުނީމެވެ. މައާފު ކުރާށެވެ. ނޫސް ގަނެވޭ ވަރަށް އަހަރެންގެ އަތުގައި މިވަގުތު ފައިސާއެއް ނެތެވެ." ބިލްގޭޓްސް ކިޔައިދެމުން ގެންދިޔައެވެ.\
"އެވަގުތު ނޫސް ވިއްކާ މީހާ ބުންޏެވެ. އަހަރެން ފައިސާ ބެނުމެއް ނޫނެވެ، ކަލޭ މި ނޫސް ގެންދާށެވެ. އޭނާ ދޫނުކުރުމުން އަހަރެން އެ ނޫސް ހިފައިގެން ގޮސްފީމެވެ."
ބިލްގޭޓްސް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އިއްތިފާގަކުން އޭގެ ދެތިން މަސް ފަހުން އަނެއްކާވެސް އަހަރެންނަށް އެ ވައިގެ ބަދަރަށް ދާން ޖެހުނެވެ. ނޫސް ވިއްކާ މީހާ އަހަރެން ފެނުމުން ނޫހެއް ދިއްކޮށްލިއެވެ. އެފަހަރުވެސް އަހަރެންގެ އަތުގައި ނޫސް ގަނެވޭ ވަރަށް ފައިސާއެއް ނެތެވެ. އެހެންކަމުން ނޫސް އަތުލަން ދެކޮޅު ހަދަމުން އަހަރެން ބުނީމެވެ. މިއަދުވެސް އަހަރެންގެ އަތުގައި ނޫސް ގަނެވޭވަރަށް ފައިސާއެއް ނެތެވެ. އެވަގުތު ނޫސް ވިއްކާ މީހާ ބުންޏެވެ. އަހަރެން ފައިސާ ބޭނުމެއްނޫނެވެ. ކަލޭ ނޫސް ގެންދާށެވެ. އަހަރެންގެ ފައިދާއިން ނޫހުގެ އަގު ހަމަޖައްސާލަފާނަމެވެ. ނޫސް އަހަރެންގެ އަތަށް ލަމުން އޭނާ ބުންޏެވެ. އަހަރެން ނޫސް ހިފައިގެން ގޮސްފީމެވެ."
"އޭގެ ނަވާރަ އަހަރު ފަހުން އަހަރެން މުއްސަނދިވެ، މީސްތަކުން މެދުގައި ވަރަށް ބޮޑަށް މަޝްހޫރު ވެއްޖެއެވެ. ކުއްލިއަކަށް އެއްދުވަހަކު އެއްކަލަ ނޫސް ވިއްކާ މީހާގެ މަތިން ހަނދާން ވިއެވެ. އަދި އޭނާ ފެނޭތޯ ހޯދަން ފެށީމެވެ. މަހަކަށްވުރެ ގިނަ ދުވަސްވީފަހުން އޭނާ ދިރިއުޅޭތަނުގެ މައުލޫމާތު އަހަރެންނަށް ލިބުނެވެ."
"އަހަރެން އޭނާގެ ގެއަށް ދިއައީމެވެ. އަދި އޭނާއާ ސުވާލު ކުރީމެވެ. އަހަރެން ދަންނަން ހެއްޔެވެ. އޭނާ ބުންޏެވެ. އަހަރެން ތިބާ ދަންނަމެވެ، ތިޔައީ ބިލްގޭޓްސް އެވެ. އަހަރެން އަނެއްކާވެސް އޭނާއާ ސުވާލު ކުރީމެވެ. ކަލޭ އަހަރެންނަށް އެއްފަހަރު ހިލޭ ނޫހެއް ދިން ހަނދާން އެބަހުރި ހެއްޔެވެ. އޭނާ ބުންޏެވެ. އާއެކެވެ، އެއްފަހަރެއް ނޫނެވެ. ދެ ފަހަރު އަހަރެން ތިބާއަށް ހިލޭ ނޫސް ދިނީމެވެ. އަހަރެން ބުނީމެވެ. ކަލޭ އެދުވަހު އަހަރެންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލު ދޭން އަހަރެން ބޭނުމެވެ. ދިރިއުޅުމުގައި ކަލޭ ބޭނުން ކަމެއް ނުވަތަ ބޭނުން އެއްޗެއްގެ ވާހަކަ ބުނާށެވެ.!"
"އޭނާ ބުންޏެވެ. ބިލްގޭޓެވެ، މިއަދު އަހަރެން ބޭނުން ކަމެއް ކޮށްދީގެން އެދުވަހުގެ ދަރަނި އަދާ ކުރެވޭނެ ކަމުގައި ބިލްގޭޓަށް ހީވާ ނަމަ އެއީ ކުށް ހީއެކެވެ. އަހަރެން ސުވާލުކުރީމެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބުންޏެވެ. އަހަރެން ތިބާއަށް އެހީތެރިކަމުގެ އަތެއް ދިއްކުރީ އަހަރެން އަދި ތިބާވެސް ފަގީރުންގެ ގޮތުގައި ތިއްބައެވެ. ނަމަވެސް މިހާރު ތިބާއަކީ މުޅި ދުނިޔޭގަ ހުރި އެއްމެ މުއްސަނދި މީހާ އެވެ. އެހެންވީމާ އެދުވަހު އަހަރެން ފަގީރެއްގެ ގޮތުގައި ހުރެ ތިބާއަށް ވީ އެހީގެ ބަދަލު މިއަދު މުޅި ދުނިޔޭގެ އެއްމެ މުއްސަނދި މީހާގެ މަގާމުގައި ހުރެގެން އަދާ ކުރެއްވޭނީ ކިހިނަކުންތޯ އެވެ؟"
ބިލްގޭޓްސް ނޫސްވެރިޔާއަށް ބުންޏެވެ. "އެދުވަހު އަހަރެންނަށް އިހުސާސް ކުރެވުނީ ނޫސްވިއްކާ މީހާ އަހަރެންނަށް ވުރެ މުއްސަނދި ކަމެވެ. ސަބަބަކީ އަހަންނަށް އެހީތެރިވުމަށްޓަކައި މުއްސަނދި މީހަކަށް ވާންދެން އޭނާ މަޑެއް ނުކުރިއެވެ."
އިބުރަތް: ހިތުގެ މުއްސަނދި ކަމަކީ ފައިސާގެ މުއްސަނދި ކަމަށް ވުރެ މާ މަތިވެރި މުއްސަނދި ކަމެކެވެ. ރަނގަޅު މުއްސަނދި ހިތެއްގެ ވެރިއަކަށް ވުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.
*************
ތަރުޖަމާ: އަހުމަދު މިސްބާހު މުނީރު
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް