ޕާކްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތައް ހުޅުވަން ނިންމައިފިއެވެ.

މާލެ ސަރަހައްދުގެ ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން އިތުރު ލުއިތަކެއް މިއަދު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ވަނީ ނިންމައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކްތައް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕާކްތަކުގައި ކުޑަކުދިން ކުޅެން ހަރުކޮށްފައިވާ ތަކެތި ބޭނުންކުރުން މަނާވާނެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރުވެ، ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތައް ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ.

މީގެ އިތުރުން މިއަދު ދޭން ނިންމި އިތުރު ލުއިތަކަކީ ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކުޑަކޮށް، ކާފިއު ނޫން ވަގުތުތަކުގައި ފާހާ ނުލައި ބޭރުގައި އުޅެވޭ ގޮތަށް ހަމަޖެއްސުމެވެ. އަދި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ދަތުރު ކުރެވޭނެ ގޮތަށްވެސް ލުއި ދިނުމަށް ވަނީ ނިންމައިފައެވެ.

ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމަށާއި ކާފިއު ނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭނެ ގޮތަށްވެސް މިހާރު ވަނީ ލުއި ދީފައެވެ.އަދި ކާފިއު ނޫން ވަގުތުގައި އެކަނި ކުރާ ކަސްރަތުތަކާއި އެކަނި ކުޅޭ ކުޅިވަރު ތަކަށްވެސް ވަނީ ހުއްދަ ދީފައެވެ.