ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށާއި މި ލުއިތައް ދިނުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމަށް ނިންމާފައިވާ ކަމަށާއި އަދި ކާފިއު ނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން ފިހާރަތަކާއި ސައިހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހެނދުނު 8:00 އިން ހަވީރު 6:00 ގެ ނިޔަލަށް ހުޅުވާފައި ބެހެއްޓޭނެއެވެ. އަދި ނަމަވެސް އެ ގަޑިތަކުގައި ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. އަދި ފުލުހުންގެ ހުއްދައާއެކު އެފަދަ ތަންތަނަށް ހެނދުނު 6:00 އިން މެންދަމު 12:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
ރައީސް ވިދާޅުވީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދީފައި މިވަނީ ވިޔަފާރިތައް ހުޅުވާލައި، އިގްތިސޯދުގެ ދުވެލި އިތުރު ކުރުން ކަމަށެވެ. ނަމަވެސް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކުޑަކޮށް، ކާފިއު ނޫން ވަގުތުތަކުގައި ފާހާ ނުލައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ދަތުރު ކުރެވޭނެ ގޮތަށްވެސް ލުއި ދިނުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު