ކޮވިޑް ފެސިލިޓީގައި އޮތް މީހަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާއަށް ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފި އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އޭނާގެ އެހީތެރިޔާ އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މި އަހަރުގެ މޭ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ވީޑިއޯގައި ފެންނަނީ ބަލިމީހާގެ އެހީތެރިޔާ، ބަލި މީހާގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހާ މަންޒަރެވެ. އަދި ޖެހުމުން ބަލި މީހާ ވަރަށް ބާރަށް ރޯ މަންޒަރުވެސް އެ ވީޑިއޯގައި ފެނިގެންދެއެވެ. ވީޑިއޯ އާންމުވާ އެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މައްސަލަ ބަލަން ފަށައިފަ އެވެ.
އެކަމާއ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލު އަހްމަދު ޝަފީއު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރިފް ޚާންގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޝަރިފް ޚާން، ޝަރީތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައި ކަމަށް ޝަފީއު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު