ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ރޭ ދަންވަރު 2:33 ގައި މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އައި 48 އަހަރުގެ ފިރިހެނެކެވެ. މިއީ ތިން ދުވަހުގެ މެދުކެނޑުމަކަށްފަހު ކޮވިޑުގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

މި މަރާއެކު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 210 އަށް އަރައިފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 193 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.