ހދ. ނޭކުރެންދޫގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރި ޒުވާން ފުރިހެނަކު މަގުމައްޗަށް ނިކުތުމުން 11،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ނޭކުރެންދޫ ކައުންސިލް މެންބަރަކު 'ވަން' އަށް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރި މީހަކު މަގުމައްޗަށް ނިކުތުމުން 11،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ މާސްކު ނާޅައި ނިކުތީ ގޭ ދޮރުކައިރިއަށް ވެއްޓިފައި އޮތް ބައިސްކަލެއް ނެގުމަށް ކަމަށެވެ. އަދި ދޮރުކައިރިއަށް ނިކުމެ އެ ބައިސަކަލް ނެގުމަށްފަހު އަނބުރާ ގެއަށް ވަދެފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

އެ މީހާ ބުނީ، އާދައިގެ އާއިލާއަކަށް ނިސްބަތްވާ އެ ޒުވާނާ ޖޫރިމަނާ ކޮށްފައިވަނީ އަލަށް ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ތަކުރާރުކޮށް ހިލާފުވުމުގެ ސަބަބުން ބައެއް މީހުންނަށް ކޮށްފައިވާ ޖޫރިމަނާގެ އަދަދު 80،000 ރުފިޔާއަށް އަރާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.