ޔޫރޯ 2020 ގެ ގަދަ 16ގެ ކުރިމަތިލުންތައް މިރޭ ފަށާނީ ވޭލްސް އާއި ޑެންމާކު ވާދަކުރާ މެޗުންނެވެ. މުބާރާތެއްގެ ފޯރި އެންމެ ގަދަވާ ހިސާބަކީ ނޮކްއައުޓް ފުޓުބޯޅައަށް ދާ ހިސާބު ކަމަށް ވުމާއެކު ޔޫރޯ 2020ގެ އެ އިންތިޒާރަށް މިރޭ ނިމުން ގެނުވާނެއެވެ. މޮޅުވުން ނޫން ގޮތެއް، އެއްވެސް ޓީމަކަށް ދެން ނެތެވެ. މޮޅަކަށް ނުކުތުން ނޫން ޓެކްޓިކްސްއަކަށް ޖާގައެއްވެސް ނޯންނާނެއެވެ. ފޯރި ގަދަވާނެކަން ޔަގީނެވެ.

ވޭލްސްއަށް 2016 ވަނަ އަހަރަކީ ފުޓުބޯޅައިގެ ބޮޑު އަހަރެކެވެ. 2016 ވަނަ އަހަރު ޔޫރޯގެ ސެމީ ފައިނަލްގައި ކުޅެލުންވީ "އަންޑަ ޑޯގް" ޓީމެއްގެ ގޮތުގައި މުބާރާތަށް ނުކުތް ވޭލްސްއަށް ހުވަފެނީ ކާމިޔާބީއަކަށެވެ. އޭރު ނިއުޓްރަލް ފޭން ބޭސްގެ ފެވަރިޓުންނަކީ ވޭލްސްވެސް މެއެވެ. ވޭލްސްއަށް އެ މުބާރާތުގެ އެންމެ ބޮޑު ހިތްވަރަކީވެސް އެއީއެވެ. ހާއްސަކޮށް ވޭލްސް ސަޕޯޓަރުންނަކީ އެ މުބާރާތުގެވެސް ނަމޫނާއެކެވެ. ހޯސްޓް ގައުމު ފްރާންސުން އެކަމުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއްވެސް ވޭލްސްގެ ފެޑަރޭޝަނަށް ދިނެވެ.

މިފަހަރުގެ ގަދަ 16 އަށް ވޭލްސް ނުކުންނައިރު، ނިއުޓްރަލް ސްޕޯޓަރުންގެ ލޯބި، މިސްރާބު ބަދަލުވެއްޖެއެވެ. މުޅި އެ ހާލަތު ވޭލްސްއާ ދެކޮޅަށް އެނބުރިފައި ވުން އެއީ އެޓީމަށް އޮތް ޗެލެންޖެކެވެ. ވާނީވެސް އެހެންތާއެވެ. ޑެންމާކުގެ ހާލަތަށް ލޯބި ޖެހި، މިހާރު ޑެންމާކަކީ އެއްވެސް ނިއުޓްރަލް ސަޕޯޓަރަކު ބަލިވާން އެދޭނެ ޓީމެއް ނޫނެވެ. ކްރިސްޓިއަން އެރިކްސަންއަށް ޓަކައެވެ. ޑެންމާކު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސަޕޯޓަރުންގެ ކުރިމައްޗަށް އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ވެއްޓުން ވީ ބަލަންވެސް އުނދަގޫ، ހިތްދަތި މަންޒަރަކަށެވެ. އެ މަންޒަރާއެކު މުޅި ފުޓުބޯޅަ ދުނިޔެ ޑެންމާކަށް ދިނީ ހިތްވަރެވެ. އެތަކެއް ސަޕޯޓަރުންނެއް ހިތާއި ހިތުން އެދުނީ އެޓީމަށް ގަދަ 16 އެވެ. އެންމެ ފަހު މެޗުން އެކަނި މޮޅުވެ، އަސަރު ކުރުވަނިވި މަންޒަރުތަކާއެކު އެޓީމު ގަދަ 16 ޔަގީންވެސް ކުރިމެއެވެ. އެހެންކަމުން މިހާރު އެތައް މިލިއަން ހިތްތަކެއް އޮތީ ޑެންމާކާ އެކުގައެވެ.

"ބޮޑު ކަމެއް ދިމާވެ ދެން އެކުވެރިވާ އެކުވެރިވުމަށް ކިޔާނެ 'ޓްރޯމާ ބޮންޑިން'. އެއީ އެއްކޮށް އިހުސާސްކޮށްލާ ކަންކަމުން އުފެދޭ ލޯތްބެއް. އިންސާނީ ގުޅުން ޓީމެއްގެ ތެރޭގައި ވަރުގަދަވެ، އުފެދޭ ހިތްވަރަށް އެފަދަ ދެރަ ހާދިސާތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނެ. އެރިކްސަންގެ ހާދިސާއަށްފަހު އޭނާ ބުނެފައި ވަނީ ކުޅުންތެރިން އެކުގައި ޑެންމާކަށް ކާމިޔާބު ހޯދައިދިނުމަށް. އެހިސާބުން ޑެންމާކަށް ހިތްވަރު ލިބޭނެ. އެއީ އެ ހިތްވަރު،" އެރިކްސަންގެ ހާދިސާއަށްފަހު ޑެންމާކުގެ ކުޅުން ރަނގަޅުވި ގޮތަށް އަލިއަޅުވާލައި، ލިވަޕޫލްގެ ޖޯން މޫރްސް ޔުނިވަސިޓީގެ ލެކްޗަރާ އަދި ޑަންޑީ ޔުނައިޓެޑްގެ ސްޕޯޓްސް ސައިކޮލޮޖިސްޓް ޑރ. ގިލިއަން ކުކް ބީބީސީއަށް ބުނެފައިވެއެވެ.

ޑެންމާކުން ގަދަ 16 ޔަގީންކޮށް އުފާފާޅުކުރި މަންޒަރަކީ މުޅި ގްރޫޕް ސްޓޭޖުގެވެސް އެންމެ ހިތްގައިމު މަންޒަރުތަކެވެ. އެ މަންޒަރުތަކާއެކު ދުނިޔޭގެ ލޯތްބާއި ކުލުނު އަދިވެސް އޮތީ ޑެންމާކަށެވެ.

"ދުނިޔޭގެ 99 ޕަސެންޓް މީހުންގެ ސަޕޯޓު އޮންނާނީ ޑެންމާކަށް،" ވޭލްސްގެ ޑިފެންޑަރު ކޯނާ ރޮބާޓްސް ބުނެފައިވެއެވެ. އެއީ ވޭލްސްއަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ. ޑެންމާކުގެ ޓީމު ބޮންޑް ރުކުރުވާލުން އެއީ މިހާރު ބޮޑު ޓާސްކަކަށް ވާނެ ކަމެކެވެ. އެހެންނަމަވެސް ވޭލްސް ތިބީ ޑެންމާކު ވެގެން ދޫކުރަން ނޫން ކަމަށް ޓީމުގެ ކުޅުންތެރިން ފާހަގަކުރިއެވެ.

"އެރިކްސަންއަށް ދިމާވި ކަންތައް އެއީ ޔަގީނުންވެސް އަންދާޒާ ނުކޮށްލެވޭނެ ވަރުގަދަ ދެރަ ހިތާމައެއް. އެރިކްސަން ރިކަވާ ވަމުން އަންނާތީ އަހަރެން ވަރަށް އުފާކުރަން. އެކަމަކު އެކަމުގެ ސަބަބުން ވޭލްސް މެޗަށް ނުކުންނަ ވިސްނުމަށް ބަދަލެއް ނާންނާނެ. ތައްޔާރުވީ ޑެންމާކު ބަލިކުރަން. އެކަން ކުރަން ތައްޔާރު،" ވޭލްސް ފޯވަޑް ކީފާ މޫރް ބުނެފައިވެއެވެ.

ޔޯހަން ކްރައިފް އެރީނާއަށް ޑެންމާކުގެ މަދު ސަޕޯޓަރުން ދާނެ ނަމަވެސް ނިއުޓްރަލް ނެދަލޭންޑްސް ސަޕޯޓަރުންގެ ފެވަރިޓަކަށް ވާނީ ޑެންމާކެވެ. އެއީ ވޭލްސްއިން ގަބޫލުކުރާ ހަގީގަތްވެސް މެއެވެ. 2016 ގައި ވޭލްސް އިހުސާސް ކުރި އުފާވެރިކަން މިފަހަރު ލިބެން އޮތީ ޑެންމާކަށެވެ. ވޭލްސް ކޯޗު ރޮބާޓް ޕޭޖުގެ ނަޒަރުގައި ވޭލްސްއިން މެޗަށް ނުކުންނަނީ "އެމޯޝަންސް" އެއް ފަރާތް ކޮށްފައެވެ.

"އެރިކްސަންގެ ރިކަވަރީ އަވަސްވުމަކީ އެންމެ ބޮޑު އުންމީދު. އެކަމަކު މެޗުން މޮޅުވާން އަހަރެމެން ބޭނުން. އެކަމަށް އެމޯޝަންސް އެއް ފަރާތް ކުރާނަން،" ޕޭޖު ބުނެފައިވެއެވެ.

އެރިކްސަންގެ ހާދިސާއަށްފަހު ޑެންމާކުގެ ކޮންމެ މެޗަކީ އެޓީމަށް އަސަރުން ފުރިގެންވާނެ މެޗެކެވެ. ކުއާޓާއަށް ޑެންމާކުން ކުރާ އުންމީދު ބޮޑުވަނީވެސް އެހެންވެއެވެ. އެ 'އެމޯޝަންސް'ތަކުން ވޭލްސްއަށް ދުރަށް ދެވޭނެތޯ އެއީ ކުރެވޭ ސުވާލެވެ. މެޗު އޮންނާނީ 21:00 ގައެވެ. އިންތިޒާރު ކޮށްލަމާ ހިނގާށެވެ.