އޭނާ އިސްތިއުފާދެއްވި ފަހުން ޖެންޑާ މިނިސްޓްރީ އާއި ކުޑަކުދިންނާ ގުޅޭ ކަމާބެހޭ މުއައްސަސާތަކުގެ ކަންކަން އިތުރަށް ގޯސްވެފައިވާ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޝިދާތާ މިރޭ "ވަން" އަށް ވިދާޅުވީ ވަކި މީހަކު ހުރެގެން މިނިސްޓްރީގެ ހިންގުން ރަނގަޅު ނުވާނެ ކަމަށާއި އެމަންޒަރު މިހާރު ރައްޔިތުންނަށް ވަރަށް ސާފުވެފައިވާ ކަމަށެވެ. އަދި އޭނާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިފަހުން ކުޑަކުދިންނާ ގުޅޭ ކަންކަން އިތުރަށް ގޯސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރަން އެއްވެސް ކަމެއް ހައްލު ވެއްޖެ ކަމަކަށް. އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނުނު އެއް މަންޒަރުހެން އެއީ. އަދި ކަންކަން އިތުރަށް ގޯހުން ގޯހަށް ދިޔަކަން. އޭރުގައި ފެންމަތިވި ހާދިސާތަކާއި ކަންކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، އެއަށްވުރެ މާ ހައްސާސް މާ ބޮޑެތި ކަންކަން މި ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. އެހެންވީމަ އޭގެ މާނައަކީ ކަންކަން އިތުރަށް ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެގެންދިޔަ ތަންތަން،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ އޭނާ އިސްތިއުފާ ދީފައި ރައްޔިތުންނަށް ސާބިތުކޮށް ދިނީ މިއީ ވަކި ވަޒީރަކު ހުރުމުން ދިމާވާ ކަމެއް ނޫން ކަމަށެވެ. މިއަދު ކަމަކަށްފަހު ކަމެއް ކުރިމަތިވަމުންދާ ކަމަށާއި މި މަހުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި ބޮޑު ދެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ވަކި ބަޔަކަށް އިނގިލި ދިއްކުރާކަށް ނޫން، އެހެން ނަމަވެސް ކުރިންވެސް ދައްކަވަމުން ގެންދިޔަ ވާހަކައަކީ ކުޑަކުދިންގެ މައްސަލަތަކުގައި މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އެބައެއްގެ ދައުރު އަދާ ކުރުމުގައި އެއްބާރުލުން ދޭށޭ،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ކުޑަކުދިންނާ ގުޅޭ ނިޒާމުތައް ހަރުދަނާ ކުރުމަށްޓަކައި ގާނޫނުތަކާއި މުއައްސަސާތައް އެބަހެދޭ ކަމަށާއި ނަމަވެސް އެކަންކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭ ކަމަށެވެ. އަދި މި ގައުމުގައި އެކަންކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރުމަށް ރިސޯސެސް ނެތް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ނިޒާމުތައް ހަރުދަނާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން މިކަމަކީ ވަކި ވަޒީރަކާ ގުޅުންހުރި ކަމެއް ކަމަކަށް. އަޅުގަނޑު ގަބޫލު ކުރަނީ ގައުމުގައި ހަރުދަނާ ނިޒާމެއް ހުރެގެން ގާނޫނުތަކުގައި މިހުރި ކަންކަން ތަންފީޒު ކުރެވެންޖެހޭ. އެކަމަށް ވަރުގަދަ ސިސްޓަމެއް އަންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޝިދާތާ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ އާއިލާއާ ގުޅިގެން މީގެ ކުރިން ދިޔައީ އެކުއްޖާއަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލައާ ގުޅިގެން އެތަނުގެ ހަތް މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.