ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ދަންމައިލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ދެންމެ ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނާއިބު ރައީސް އެ ގޮތަށް އެދިވަޑައިގެން މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރަކީ، މެއި މަހުގެ 16 އިން މި ހިނގާ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ.

ނަމަވެސް މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މުހިއްމު މަސައްކަތްތަކެއް ނިންމުމަށްޓަކައި މަޖިލީހުގެ މިހިނގާ ދައުރު އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމާމެދު ވޯޓަށް އައްސަވާނެ ކަމަށެވެ.

އެގޮތަށް މަޖިލީހުގެ ދައުރު ދިގުކޮށްލަން ޖެހެނީ، މުހިއްމު މަސައްކަތްތަކެއް ހުރުމުން އެކަންތައްތައް ނިންމުމަށް އިތުރު ހަފުތާއެއް ދިނުމުގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކޮމިޓީތަކުގައި ހުރި މަސއްކަތްތައް ނިންމުމަށް އިތުރު ހަފުތާއެއް ދިނުމަށް އެދި ބައެއް ކޮމިޓީތަކުން ހުށަހަޅާފައިވާ ކަމަށެވެ. އެހެން ކަމުން މަޖިލިސް ދައުރު އިތުރުކޮށްދެއްވުމަށް މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނާއިބު ރައީސް ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ދައުރު އިތުރު ކުރުމާމެދު ނެގި ވޯޓުގައި، ޖުލައި މަހުުގެ އަށްވަނަ ދުވަހުގެ ނިޔަލަށް މަޖިލިސް ދައުރު ދަންމާލުމަށް ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 38 މެންބަރުންގެ އިއްތިފާގުންނެވެ.