ސްކޮޓްލޭންޑްގެ ޒުވާން މިޑްފީލްޑަރު ބިލީ ގިލްމޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އިންގްލެންޑް މޭސަން މައުންޓާއި ބެން ޗިލްވެލް އެކަހެރިވެގެން ތިބި އިރު، ސްކޮޓްލޭންޑުން މެޗު ކުޅެން ނުކުތުން އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބުނެ ޗެލްސީގެ ޓެކްނިކަލް އެޑްވައިޒަރު، އަދި ކްލަބު ލެޖެންޑް ޕީޓާ ޗެކު ފާޑު ކިޔައިފިއެވެ.

މައުންޓާއި ޗިލްވެލްއަކީވެސް ޗެލްސީގެ ދެކުޅުންތެރިންނެވެ. ބެލެވޭ ގޮތުގައި ޗެކު ރުޅިގަދަވެ މީސް މީޑިއާގައި ވާހަކަ ދައްކާފައި ވަނީ އޭނާގެ ކްލަބުގެ ދެ ކުޅުންތެރިންނަށް ދިމާވި ކަންތައްތަކުގެ ސަބަބުން، ކުޅުންތެރިންގެ ދިފާއުގައެވެ. އިނގިރޭސި އެފްއޭއިން އެކަމާ ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް ޗެކު ވަނީ ރޭގެ މެޗުގެ ކުރިން އޭނާގެ މީސް މީޑިއާގައި ބޮޑު ސުވާލެއް ކޮށްފައެވެ.

"ކޮންމެވެސް މީހަކު އަހަންނަށް ބުނެދޭންވީ މޭސަން މައުންޓާއި ޗިލްވެލް ނެގެޓިވް ނަތީޖާއާއެކު އައިސޮލޭޓް ވާން ޖެހުނު ގޮތެއް ބިލީ ގިލްމޯއާ ބައްދަލުވެގެންނޭ ކިޔާފަ. ގިލްމޯއާއެކު އެއް ޑްރެސިން ރޫމެއް، އެއް ހޮޓަލެއްގައި އުޅެ، އެއް ބަހެއްގައި އަދި އެއް ފްލައިޓެއްގައި ދަތުރުކުރި ސްކޮޓްލޭންޑް ޓީމު ނެގެޓިވް ނަތީޖާއަކާއެކު ކުޅެން ނުކުތްއިރު، މައުންޓާއި ޗިލްވެލް ވަކިން ތިބެން ޖެހުނު ސަބަބެއް ނުވިސްނޭ. އެއީ ހަމަ އެއް އުސޫލެއް ހިނގަން ޖެހޭ ކޮންޓެކްޓުން ނޫންތޯ؟،" ޗެކު ބުނެފައިވެއެވެ.

ޗެލްސީއަށް ކުޅެމުން އަންނަ ގިލްމޯ އާއި މައުންޓް، އަދި ޗިލްވެލް ސްކޮޓްލޭންޑާއި އިންގްލެންޑް ކުޅުނު މެޗަށްފަހު ވާހަކަ ދައްކައި، ބައްދައި ހަދާފައިވެ އެވެ. އެހެންނަމަވެސް ޗެކު ބުނެފައިވާ ވާހަކައަކީވެސް ގިނަ ބަޔަކު އެކަން ފާހަގަކޮށްފައިވާ ވާހަކައެކެވެ. ހާއްސަކޮށް އެ ދެކުޅުންތެރިންގެ ނަތީޖާ ނެގެޓިވް ވެފައިވާ އިރު، އައިސޮލޭޝަން އަށް ދާން ޖެހޭ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

އިންގްލެންޑުން ރޭ ކުޅުނު މެޗުން 1-0 އިން ޗެކު ރިބަޕްލިކް ބަލިކޮށް، ގްރޫޕް ޑީގެ އެއްވަނަ ހޯދާފައިވާއިރު، އެޓީމުން ދެން ނުކުންނަން ޖެހޭނީ ގަދަ 16ގެ މެޗަށެވެ. އެޓީމުން ގަދަ 16 އަށްވެސް ނުކުންނާނީ އަމިއްލަ ދަނޑުގައެވެ.