އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުރި އަހުމަދު ޝަރީފު މިމަހުގެ 15 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި މެންބަރުކަމަށް ކުރިމަތިލާން އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ހަޔަކާއި ހަތް ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ކަމަށް ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވާ، ދިވެހި، މުސްލިމަކަށް ވުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެ ފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

މީގެ އިތުރުން މެންބަރު ކަމަށް ކުރިމަތިލާ މީހަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުން އަންނަ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

މަގާމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތު ވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތު ވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ފަސް އަހަރު ވެފައިވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން މެންބަރު ކަަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެއެވެ.