ޔޫރޯ 2020 ގެ ގްރޫޕް ބީގެ ފަހު ދެމެޗު މިރޭ އޮންނާނެއެވެ. ގްރޫޕް ބީގެ އެއްވެސް މަގާމެއް އަދި އެއްވެސް ޓީމަކަށް ޔަގީނެއް ނޫނެވެ. ބެލްޖިއަމްއަށް ޔަގީންވެފައި ވަނީ އެޓީމަށް ގަދަ 16 ލިބޭނެ ކަމެވެ. ޔަގީން ނުވަނީ އެއްވަނަ އެވެ. ފާހަގަކޮށްލަން މަސައްކަތް ކޮށްފައި މިވަނީ ގްރޫޕްގެ މެޗުތަކުގެ ނަތީޖާތަކުން އައިސްދާނެ ހާލަތްތަކެވެ. މިއީ ކިޔުންތެރިންނަށް ލުއި ކޮށްލުމަށް ގެނެސްދޭ އަންދާޒާތަކެކެވެ.

  • މިރޭގެ މެޗުތައް

00:00 ފިންލޭންޑް - ބެލްޖިއަމް

00:00 ރަޝިއާ - ޑެންމާކު

  • ގްރޫޕުގެ ނަތީޖާތަކުން އޮތް ފުރުސަތު
  • ބެލްޖިއަމް މެޗު އެއްވަރުވި ނަމަވެސް ބެލްޖިއަމްއަށް އެއްވަނަ ލިބޭނެ.
  • މޮޅަކާއެކު ރަޝިއާއަށް ގަދަ 16 ޔަގީންވާނެ، ރަޝިއާ އެއްވަރު ވެއްޖެނަމަ އެޓީމަށް ގަދަ 16 ލިބޭނީ ފިންލޭންޑަށް ބެލްޖިއަމް ބަލި ނުކުރެވިއްޖެ ނަމަ.
  • ފިންލޭންޑަށް މޮޅަކާއެކު ގަދަ 16 އަށް ދެވޭނެ. އެއްވަރު ވެއްޖެނަމަ ޖެހޭނީ ރަޝިއާ ޑެންމާކު އަތުން ބަލިވޭތޯ ބަލަން.
  • ޑެންމާކަށް ދެވަނަ ޓީމުގެ ގޮތުގައި ނިންމާލެވޭނީ ރަޝިއާ ބަލިކޮށް، ފިންލޭންޑް ބެލްޖިއަމް އަތުން ބަލިވެއްޖެނަމަ. އެ ހާލަތުގައިވެސް މެޗުތަކުގައި ޖަހާ ގޯލްގެ އަދަދުން ފައިދާ ގޯލުގެ އެހީ ޑެންމާކަށް ބޭނުންވާނެ.
  • ގްރޫޕްގެ ތިން ޓީމު، ބެލްޖިއަމް، ރަޝިއާ، ފިންލޭންޑްވެސް ހަ ޕޮއިންޓްގައި ގްރޫޕް ނިންމާލައިފިނަމަ، އެޓީމުތައް ގްރޫޕްގައި ތަރުތީބުވާނީ ފައިދާ ގޯލަށް ބަލައިގެން.
  • ތިން ޓީމުވެސް ގަދަ 16 އަށް ދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވާނެ. އެއީ އެންމެ މޮޅު ތިންވަނަ ޓީމުތަކުގައި ހަ ޕޮއިންޓް ލިބިފައިވާ އެހެން ޓީމެއް ހިމެނުމަކީ ނާދިރު ކަމަކަށް ވާތީ.
  • ގްރޫޕްގެ ޓީމުތައް ތާވަލުގައި އަތުރައިލުމުގެ ތަރުތީބަށް ފައިދާ ގޯލު ބޮޑު ރޯލެއް ކުޅޭނެ. އެހެން ކަމުން މެޗުތަކުގައި ގޯލު ޖަހާ އަދަދަށް ބަލައި ގްރޫޕްގެ ތަރުތީބު ބަދަލުވުން ވަރަށް ބޮޑަށް އެކަށީގެންވޭ.