އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން މައްސަލަ ބައްލަވާ ގާޒީ ބަލިވެ އުޅޭތީ ކެންސަލް ކޮށްފި އެވެ.

އީސަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓުގައި އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަލާމުގައި ހުންނެވުމުން އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އޭނާގެ ކުރީގެ އަނބިމީހާ އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ.

މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސްރާ، އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށް އަސްރާ ވިދާޅުވިއެވެ.

ފަހުން އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ފުލުހުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އަނިޔާ ކުރި ކަމަށް ބުނެ، ފުލުހުންނަށް ބަޔާން ދިނީ ޖަޒުބާތުގައި ކަމަށް ވިދާޅުވެ، އެ މައްސަލަ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަސްރާގެ ފަރާތުން ވަނީ ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

މި މައްސަލައާ ގުޅިގެން އީސަ ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނާ މެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.