ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގަނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓަށް އަލުން ހުށަހަޅަން ނިންމައިފިއެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން މެޖިސްޓްރޭޓް ކޯޓުތައް ހުންނަނީ ސުޕީރިއާ ކޯޓުތައް ގާއިމް ވެފައިވާ މާލެ ފިޔަވައި އެހެން ރަށްރަށުގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ވަނީ ހުޅުމާލެ އަކީ މާލޭގެ ބަޔަކަށް ވިޔަސް، ހުޅުމާލޭގެ ކޯޓު އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައެވެ.

ޖޭއެސްސީގެ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގަނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ކޮށްފައިވާ ހުކުމް އަލުން ރިވިއުކޮށް، އެ ހުކުމް ބާތިލް ކުރުމަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ހުޅުމާލޭ ކޯޓަކީ ސައްހަ ނޫން ކޯޓެއް ކަމަށް ނިންމައިފިނަމަ، އެ ކޯޓަށް މިހާރު ހުށަހެޅިފައި ހުރި މައްސަލަތަކާއި އެ ކޯޓުން ކޮށްފައިވާ ހުކުމްތަކާއި އަމުރުތަކާއި އަދި އެ ކޯޓުން ކޮށްދީފައިވާ ވަރި، ކައިވެނި ސައްހަ ވާނެތޯ ނުވަތަ ނޫންތޯ. މިއީ ބައެއް ފަރާތްތަކުން އުފައްދާފާނެ ސުވާލެއް. އެހެންކަމުން ހުކުމް ކުރާއިރު، މިކަމުގައި ގޮތެއް ކަނޑައަޅައިދިނުމަށް ވެސް އެދޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވައިލުމާ ގުޅޭ ކަންކަން ފަށަން ޖޭއެސްސީން ނިންމާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ހަތަރު ފަޑިޔާރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނަނީ ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ ބައެއްކަމަށް ވިޔަސް، ހުޅުމާލެއަކީ މާލޭގެ ޖުޑީޝަލް ދާއިރާގައި ހިމެނޭ މީހުން ދިރިއުޅޭ ވަކިރަށެއް ކަމުގައި ވާތީ އާއި މާލޭގައި ގާއިމްވެފައިވާ ސުޕީރިއާ ކޯޓުތަކުގެ ބްރާންޗްތައް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ހުޅުމާލޭގައި ގާއިމްވެފައި ނުވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނާގޮތުން ހަތަރު ސުޕީރިއާ ކޯޓު ގާއިމްވެފައިވާ މާލެ އާއި ސުޕީރިއާ ކޯޓެއްގެ ގޮތްޕެއް ގާއިމް ކުރެވިފައިވާ ރަށްތައް ފިޔަވައި ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކުރެވޭނެއެވެ.