ވަކި މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަކާލާތު ކޮށްދިނުމަށް އެދި ޑިމާންޑް ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިގޮތަށް ވިދާޅުވީ މަރާލާފައިވާ ބްލޮގަރު، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިހާރު ކުރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތްތަކުގައި ދައުލަތުގެ ފަރާތުން ޕީޖީ ޝަމީމް ވަކާލާތު ކުރެއްވުމަށް ޔާމީންގެ އާއިލާއިން އެދިފައިވާތީއެވެ.
ހައިލަމް މިރޭ "ވަން" އަށް ވިދާޅުވީ ޕީޖީގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ވަކި މަސްއޫލިއްޔަތުތައް އޭނާ ކަނޑައަޅާ ބަޔަކާ ހަވާލު ކުރުމަކީ ގާނޫނު އަސާސީން ޕީޖީއަށް ލިބިދޭ ބާރެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން ވަކާލާތު ކުރާ މައްސަލަތަކުގައި ޕީޖީން ކަނޑައަޅާ ބަޔަކަށް ވަކާލާތު ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ވަކި މައްސަލައެއްގައި ޕީޖީ ވަކާލާތުކޮށްދިނުމަށް އެދި ޑިމާންޑް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެގޮތަށް ނުވެސް ކުރެވޭނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.
"ވަކި މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް ކޯޓަށް ވަޑައިގެންނެވުމަށް ޑިމާންޑް ކުރުމަކީ އެއީ ކުރެވިދާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެން ނުވެސް ކުރެވޭނެ. ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވާނީ ވަކި މައްސަލައެއްގައި ކޯޓަށް ވަޑައިގަންނަވާނީ ކޮން ވަކީލެއްތޯ،" ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ މަރުގެ މައްސަލަތަކުގައި ތަފާތު ކުރުންތައް ގެންގުޅެގެން ނުވާނެ ކަމަށާއި އަދި ވަކި މީހަކަށް ބަލައިގެން ހާއްސަކަމެއް ދެވިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ވަކި މައްސަލައެއްގައި ޕީޖީ ވަކާލާތު ކުރުމަށް ކޯޓަށް ވަޑައިގެންނެވުމަށް ދެންނެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރައިލީ އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ގެންނެވެ.
ޔާމީނާ ގާތް ގުޅުމެއް އޮންނަ އަހުމަދު ރިޟްވާނުގެ ހަނދާނުގައި އުފައްދާފައިވާ އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސްއިން އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތުގެ އަޑުއެހުންތައް ދިޔަގޮތް ބެލުމަށްފަހުގައި ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައިވާ ހައްގުތައް ކަށަވަރު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ.
އެހެން ކަމުން ޔާމީންގެ އާއިލާގެ ފަރާތުން ޕީޖީ އަރިހުން ބައެއް ކަންތައްތަކަށް އެދިފައިވާނެ ކަމަށްވެސް އެ ބަަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ޔާމީންގެ މަރުގެ މައްސަލާގައި ޝަރީއަތުގައި މިހާތަނަށް ދައުލަތުގެ ފަރާތުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރާތަން ފެންނަމުން ނުދާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު