ބްލޫ ޕެރަނޯމާ އެއާލައިންސް އިން އޮޕަރޭޓްކުރާ ލޫކް އެއާގެ ޗާޓަރު ފްލައިޓުތައް ޕޮލެންޑުން ރާއްޖެއަށް ފަށައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، ޕޮލިޝް މާކެޓްގެ ޓުއާ އޮޕަރޭޓަރު އިޓާކާ އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސަން އޯޝަންއާ ގުޅިގެން އިއްޔެ ފެށި ޗާޓަރު ދަތުރުތަކުގައި ހަފުތާއަކު އެއް ދަތުރުތައް ބާއްވާނެ ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެ އައި ފުރަތަމަ ފްލައިޓުގައި 297 ފަތުރުވެރިން އައިސްފައިވެއެވެ.
އެމްއެމްޕީއާރުސީން ބުނީ، އެ ދަތުރުތަކުގައި ބޭނުން ކުރާނީ އޭ330 މަރުކާގެ ފްލައިޓެއް ކަމަށާއި މި ދަތުރުތައް 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މި ދަތުރުތަކާ ގުޅުވައިގެން އެމްއެމްޕީއާރުސީން ވަނީ އިޓާކާއާއެކު ޖޮއިންޓް ކެމްޕެއިނެއް މިމަހު ފަށައިފައެވެ. އެ ކެމްޕެއިނުގައި އިޝްތިހާރުތަކާއި ޑިޖިޓަލް ހަރަކާތްތަކެއް ކުރިއަށްދާ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތަކާއި ރާއްޖޭގައި ތަޖުރިބާކުރެވޭނެ ތަފާތު ކަންތައްތަކަށް އަލިއަޅުވާލަން ވަނީ ނިންމައިފައެވެ.
އޭގެ އިތުުރުން އައުޓްޑޯ ކޮމްޕޮނެންޓުގެ ދަށުން އިޓާކާގެ 150 އަށްވުރެ ގިނަ އޮފީސްތަކުގައި ހަރުކޮށްފައިވާ ޓީވީތަކުން ރާއްޖޭގެ މަންޒަރުތައް އިސްތިހާރު ކުރުމަށް ހަމަޖެހިފައިވާ އިރު، މަޝްހޫރު ޒުއޮލެތް ޓަރާސޭ ހާޑް ރޮކް ކެފޭ ކުރިމަތީގައި ހުންނަ ސްކްރީން އިން އެ އެޑްތައް ދައްކަން ވަނީ ނިންމައިފައެވެ. އަދި ވާސޯގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ކޮޒިކީގައި ބޮޑު ޕްރިންޓް ބެނާއެއްވެސް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްޕީއާރުސީން ބުނީ، އިޓާކާއާއެކު ކުރިއަށްގެންދާ ކެމްޕެއިނުގެ ސަބަބުން ޕޮލިޝް މާކެޓުގައި ރާއްޖޭގެ ބްރޭންޑު ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލޮޓް ޕޮލިޝް އެއާލައިން އިން 290 ފަސިންޖަރުންނާއެކު ޗާޓަރު ފްލައިޓުތައް ވަނީ ފަށައިފައެވެ. އެ ޗާޓަރު މިއަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔައެވެ.
ޕޮލެންޑުން ރާއްޖެއަށް އެންމެ ފުރަތަމަ ޑައިރެކްޓް ޗާޓަރު ފްލައިޓެއް ފަށާފައިވަނީ ޖޫން 20، 2019ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު