ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެޗުގެ ކުރިން ބޭއްވި ޕްރެސްއަށް ގޮސް، ޕްރެސް މޭޒުމަތީގައި ހުރި ކޯކު ފުޅިއެއް ދުރަށް ޖައްސާލި މައްސަލަ ވަނީ ހޫނުވެފަ އެވެ. ވިޔަފާރި ނަޒަރަކުން އެކަމަށް އެތައް ބަޔަކު ފާޑުވެސް ކިއެވެ. ޔޫއެފާގެ އެންމެ ބޮޑު އެއް ސްޕޮންސާ، ކޮކާކޯލާގެ ދެފުޅިއެއް ރޮނާލްޑޯ އެއް ފަރާތްކޮށްލައި، ދިން މެސެޖަކީ "ފެން" ބޯށޭ ބުނެ، ކޯކު ފުޅިއަށް ނޫނެކޭ ބުނި މެސެޖެކެވެ.
އެފަހުން ފްރާންސް ކުޅުނު މެޗަށްފަހު ޕައުލް ޕޮގްބާގެ ފަރާތުންވެސް ފުޅިއެއް އެއް ފަރާތް ކޮށްލި މަންޒަރު މަޝްހޫރު ވެއްޖެއެވެ. އެއީ މުސްލިމުންނަށް ހަރާމް ބިޔަރު ފުޅިއެކެވެ. ހައިނެން ބިޔަރަކީވެސް ޔޫއެފާގެ އެންމެ ބޮޑު އެއް ސްޕޮންސާއެވެ.
ޕޮގްބާ އެފަދަ ގޮތަކަށް ކަންކުރި ވާހަކައިގެ އަޑުވެސް މީޑިއާގައި ވަނީ ގަދަވެފައެވެ. ބިޔަރު ފުޅި އެއްފަރާތްކުރުމުން ޕޮގްބާއަށް ވަނީ ގިނަ މުސްލިމުން ތައުރީފުކޮށް، އިހުތިރާމު ކުރާ ކަމަށްވެސް ބުނެފައެވެ. ޕޮގްބާއަކީ މުސްލިމަކަށްވާއިރު، އޭނާ އެއްފަރާތް ކުރީ ހަރާމް ކުރައްވާފައިވާ މަސްތުވާތަކެތީގެ ބާވަތެއް އަޅާފައިވާ ފުޅިއެކެވެ.
ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ކޯކު ފުޅި ދުރަށް ޖެއްސުމާއެކު ކޮކާކޯލާގެ މާކެޓް އަގު ހަތަރު ބިލިއަނުގެ ވެއްޓުމަކަށް ދިޔައެވެ. އެ ކުންފުނީގެ އަގު މިހާރު ކުރެވިފައި ހުރީ 240 ބިލިއަންގައެވެ.
ކުޅުންތެރިންގެ އެކަހަލަ ކުދިކުދި ކަންކަމަށް ޔޫއެފާއިން އެއްވެސް އަދަބެއް ދޭނެ ކަމަކަށް ނުބެލެވެއެވެ. އެފަދަ ބައެއް ކަންކަމުން ހެޔޮ ބަދަލުތައްވެސް މީގެ ކުރިން އައިސްފައިވެ އެވެ. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާއަށް ކުރިން ދެމުން އައި ރާފުޅީގެ އިނާމު ބަދަލުވީ ވެސް މުސްލިމް ކުޅުންތެރިން އެ ހަދިޔާ ގަބޫލު ނުކުރާތީއެވެ. އެކަމަށް ޕްރިމިއާ ލީގުން އިހުތިރާމުކޮށް މޮޅު ކުޅުންތެރިޔާގެ އެވޯޑު ވަނީ ބަދަލު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު