ޚަބަރު

ހައި ސްޕީޑް ފެރީގެ ނިޒާމަށް ބޭނުންވާ ލޯންޗުތައް ބަނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އާޒިމް ބައްލަވާލައްވައިފި

އަލީ ޔާމިން

ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އޭނާގެ ޓީމުން ބައްލަވާލައްވައިފިއެވެ.

ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ބަނުމަށް ހަވާލުކޮށްފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއާއެވެ. ފެރީތައް ބަނުމަށް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ބުނީ 17 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް ގަލްފާއި ހަވާލުކޮށްފައިވާއިރު އެ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ 30 ނޮޓްގެ ބާރުމިނެއްގައި ދުވާ ފެރީތަކެއް ކަމަށާއި އެއީ އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ތިން ގުނަ އަވަސް ފެރީތަކަކަށް ވާނެ ކަމަށެވެ.

މި ފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަށް ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން ފެރީގެ ސީޓާއި ފަސެންޖަރުންގެ ކެބިން ފަރުމާ ކުރެވޭނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށް ކަމަށާއި އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ފެރީތަކުގައި ގާއިމްކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލާނެއެވެ. އެގޮތުން އެ ތިން އަތޮޅުގެ ޖުމުލަ 41 ރަށަކަށް ހިދުމަތް ދޭނެއެވެ. އެ މަޝްރޫއުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރިހަމަ ކުރަންޖެހެއެވެ.

ފެރީ ނިޒާމު މަޝްރޫއުގެ ދަށުން ޓާމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށި، އެހެން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތްތައް ފެށުމަށް ޓީމުތައް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.