ޚަބަރު

ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަ ދީފި

އަލީ ޔާމިން

ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަ ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ، ސެލޫންތަކާއި ބޯކޮށާތަންތަން ހުޅުވޭނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އެތަންތަން ހުޅުވައިގެން ހިދުމަތް ދެވޭނީ ސާވިސް ޕްލޭނަކާއެކު ހުށަހެޅުމުން އެކަން ބަލައި އިންސްޕެކްޝަން ހެދުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ސެލޫންތަކާއި ބޯކޮށާތަންތަނުން ހިދުމަތްދޭ ގަޑިތައް ކަނޑައަޅަން ޖެހޭ ކަމަށާއި އެ ތަންތަނުން ހިދުމަތްދެވޭނޫ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.

ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު ކާފިއުގެ ވަގުތުވެސް ވަނީ 12 ގަޑިއިރަށް މަދުކޮށްފައެވެ. އަދި ވަކިން ކަސްރަތު ކުރުމުގެ ހުއްދަ ދީފައިވާއިރު ކޮންސްޓްރަކްޝަން މަސައްކަތްވެސް ވަކި ހުއްދައެއް ނަގައިގެން ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މިއަދު ދިން ލުއިތަކާއެކު މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްވެސް ވަނީ ވަކިން ނަމާދުކުރެވޭ ގޮތަށް ހުޅުވާލައިފައެވެ.