ޖަދަލުކޮށްގެން ހަރުކަށި ފިކުރު ބަލި ނުކުރެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ޖިނާއީ ކުށަކަށް ހަދައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އެއްވެސް ޝަރުތަކާއި ނުލައި އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.
އެއްވެސް މުސްލިމަކު އެނެއް މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނެގެން ނުވާނެ ކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ބިލް މިހާރު އޮތް ގޮތުން މަސްލަހަތު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރޭ މިންވަރާ ދޭތެރޭގައި ސަރުކާރުން އޭގެ ޒާތުގައި އަމަލުކުރަމުންދާ ގޮތް އެއީ އަޅުގަނޑުމެނަށް ގަބޫލުކުރެވޭ ގޮތުގައި އެހާ ރަނގަޅު ހަމަޖެހޭ ގޮތްތަކަކަށް އަޅުގަނޑުމެނަށް ގަބޫލެއް ނުކުރެވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ބިލް ހުށަހަޅާފައި ވަނީ ރާއްޖޭގައި ޓެރެރިސްޓް ހަމަލާއެއް ދިނުމަށްފަހުގައި ކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ވަގުތުގެ ނާޖާއިޒް ފައިދާ ނަގައިގެން މިހާރު ކުރަން އުޅެނީ މާ ނުރައްކާ ކަމެއް ކަމަށެވެ.
"މި ބިލުގެ ސަބަބުން ހަގީގަތުގައި ލާދީނީ ވާހަކަ ދެއްކުން މިއަދު މާބޮޑަށް ގިނަވެގެން ހިނގައްޖެ. އަދި އަޅުގަނޑުމެނަށް މިއަދު މީޑިއާތަކުން ފެންނަނީ އެ ބިލްގެ ނަމަކީ ވެސް ލާދީނީ ބިލް ކަމަށް ވެގެން ދިޔަތަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ގެންގުޅެނީ ޒިންމާދާރުކަން ކުޑަ ސިޔާސަތެއްކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ޖަދަލުކުރުމާއި ގޮންޖެހުމުގެ ސިޔާސަތަކީ މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފެއިލްވެފައިވާ ސިޔާސަތެއް ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެރެރިޒަމްގެ އަމަލުތައް ވަނީ ގިނަވެފައިކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"މިހުރިހާ ކަމެއް ވެގެން ދިޔަ އިރުގައި އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީ މިވެރިކަމުގައި ޓެރެރިޒަމްގެ ބިރުވެރިކަން ރާއްޖެއަށް ކުރިއަށްވުރެން ބޮޑުވެއްޖެކަން އަދި މިކަމުގެ ޒިންމާ އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ނަގަން ޖެހޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޓެރެރިޒަމްގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިތުރުވެގެން ދަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އަދި އެ ސިޔާސަތުތައް ބަދަލުކުރުމަށް އާދަމް ޝަރީފް ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ.
"ހާއްސަގޮތެއްގައި ހަރުކަށި ފިކުރާއި ލާދީނީ ފިކުރު ފެތުރުމަށް މިދިމާވާ ގޮންޖެހުންތައް ރަނގަޅަށް ދިރާސާކުރައްވައިގެން އިލްމީ ގޮތެއްގައި މިކަންކަމަށް އިސްކަން ދީގެން މަސައްކަތް ކުރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ހަރުކަށި ފިކުރާއި ލާދީނީ ފިކުރަކީ ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާވާނެ ދެ ފިކުރުކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ޕީޕީއެމް، ޕީއެންސީ އޮތީ އެކަމުގައި ރައްޔިތުންނާ އެކު ސަރުކާރު ޖަވާބުދާރީކޮށް އަދި ސަރުކާރަށް އެއްބާރުލުން ދިނުން މަތީގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު