ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި މިރޭ ކުޅެވޭނެ ޔޫރޯ 2020ގެ ގްރޫޕް އީ ފުރަތަމަ މެޗުގައި ސްލިވާކިއާ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.

ސްލޮވޭކިއާއަކީ ދުނިޔޭ ފުޓުބޯޅައިގައި އެންމެ ހަގު އެއް ގައުމީ ޓީމެވެ. ކުރިން ޗެކޮސްލޮވޭކިއާގެ ގޮތުގައި އޮތް ނަމަވެސް، 1993 ވަނަ އަހަރުން ފެށިގެން ސްލޮވޭކިއާ އަކީ ވަކި ފުޓުބޯޅަ ޓީމެކެވެ. އޭގެ ފަހުން ބޮޑެތި މުބާރާތްތަކުން ސްލޮވޭކިއާ ފެންނަންވެސް ފެނުނެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރަށްވެސް ސްލޮވޭކިއާ ދަތުރު ކޮށްފައިވެ އެވެ. އެއަށްފަހު 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯގައި ސްލޮވޭކިއާ ކުޅެ، ގަދަ 16އަށް ދަތުރުކުރިއެވެ.

އަނެއްކޮޅުން ޕޮލެންޑަކީ އިދިކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ޓީމެއްގެ ގޮތުގައި ފާހަގަވާ ޓީމެކެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން ޕޮލެންޑް ޔޫރޯގައި ވާދަކޮށްފައިވާއިރު، އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 2008 ވަނަ އަހަރުގައެވެ. އެންމެފަހުން 2016 ގައި އޮތް ޔޫރޯވެސް ޕޮލެންޑަށް ކާމިޔާބެވެ. އެޓީމުން ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ. ޓީމުގެ ލީޑަރަކީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ވަނީ އެންމެފަހުން ކުޅުނު ދެ ޔޫރޯ، 2016 އަދި 2012 ވަނަ އަހަރުގެ ޔޫރޯގައިވެސް ޕޮލެންޑުން މުބާރާތް ފެށި މެޗުގައި ގޯލް ޖަހާފައެވެ.

މިފަހަރުގެ ޔޫރޯއަށް ލެވަންޑޯސްކީ ދާނީ ޔޫރަޕްގެވެސް އެންމެ އިތުބާރު ކުޅުންތެރިޔާގެ ގޮތުގައެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ލެވަންޑޯސްކީ ވަނީ ނިމިދިޔަ ސީޒަންގައި ބަޔާންއަށް 48 ގޯލް ޖަހާފައެވެ. ހާއްސަކޮށް ލީގުގައި ޖެހި 41 ގޯލަކީ ރެކޯޑެއްވެސް މެއެވެ. މިރޭގެ މެޗަށް ނުކުންނައިރު ސްލޮވޭކިއާއަށް އޮތް އެންމެ ބޮޑު ޓާސްކަކީ ލަވަންޑޯސްކީ ހިފެހެއްޓުމެވެ.

  • ޕޮލެންޑް ކޯޗު ޕައުލޯ ސޯޒާ

"ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗަށް ތައްޔާރުވެ ފިޓްކޮށް. ފުރަތަމަ 11 އާ ދޭތެރޭ މާ ބޮޑު ޝައްކެއްވެސް ނެތް. އަހަރެމެންނަށް އެނގޭ މި ރަމްޒުކޮށްދެނީ ޕޮލެންޑް އެއްކޮށް ކަން. ޓީމު އަނބުރާ ބޭސްއަށް ދާން ބޭނުމީ ހިނިތުންވުމާއެކު. މުޅި ޕޮލެންޑް ހެއްވާލާފައި. މިއީ އަހަރެންގެ ކޯޗިން ކެރިއަރުގައިވެސް އެންމެ ބޮޑު މެޗު. އެންމެ މުހިއްމު ވަގުތުކޮޅު. އަހަރެން ވަރަށް އުފާކުރަން ޔޫރޯއަށް ޕޮލެންޑާއެކު ދެވުމުން. އެ އުފާވެރިކަން ބޮޑު ކުރުމަށް ފުރަތަމަ މެޗު ނަގަން ބޭނުން،"

  • ސްލޮވޭކިއާގެ ކޯޗު ސްޓެފަން ޓާކޮވިޗް

" ހުރިހާ ކުޅުންތެރީން ތައްޔާރު. ހިތްވަރު އެބަހުރި. ޓީމު އޮތީ ކާމިޔާބު ހޯދުމަށް ރަނގަޅު މޯޓިވޭޝަނެއްގައި. މިއީ ޗެލެންޖިން މެޗެއްކަން ގަބޫލުކުރަން. ސަބަބަކީ ނޫސްތަކުގެ ފެވަރިޓަކީ ޕޮލެންޑް ކަމަށްވާތީ. އެކަމަކު އެކަމަށް އަހަރެން ސަމާލުކަމެއް ނުދޭނަން. އަހަންނަށް މުހިއްމީ އަހަރެންގެ ޓީމް. އަހަންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމު މޮޅުވުން،"

ދެގައުމުގެ ހެޑް ޓު ހެޑް ކުރިމަތިލުންތަކަށް ބަލާއިރު މާ ބޮޑު ފަރަގެއް ނެތެވެ. ޖުމުލަ އަށް މެޗެއްގައި ދެޓީމު ކުޅެފައިވާއިރު، ހަތަރު މެޗުން މޮޅުވީ ސްލޮވޭކިއާއެވެ. ތިން މެޗުން ޕޮލެންޑް ކުރި ހޯދިއިރު އަނެއް މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. އެންމެފަހުން މި ދެގައުމު ވާދަކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައެވެ.