ކޮވިޑްގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އާ މެޑިކަލް ފެސިލިޓީގެ އިމާރާތަށް ޒިޔާރަތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.

މި އިމާރާތަކީ މީގެކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންއައި އިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިމާރާތަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް މި އިމާރާތާ ގުޅޭ މައުލޫމާތު ދެއްވުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ބައިވެރިވެވަޑައިގެންވި އެވެ. މީގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ އިސްވެރިންވެސް ވަނީ މި އިމާރާތާ ގުޅޭ ގޮތުން ރައީސަށް ބައެއް މައުލޫމާތު ދެއްވައިފަ އެވެ.

ހުޅުމާލޭގައި އަލަށް ތަރައްގީކުރަމުން އަންނަނީ 270 އެނދުގެ ކޮވިޑް ފެސިލިޓީއެކެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވުމުގެ ސަބަބުން ސަރުކާރުން އަންނަނީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް އެ އިމާރާތުގެ ބައެއް މިހާރު ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ.