ކިޑްނީ ބައްޔަށް ބޭސް ކުރަން މާލެ އައިތަނުން، ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ހަތް އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.
އެ ކުއްޖާއަކީ ތ. ވިލުފުށްޓަށް އުފަން އަންހެން ކުއްޖެކެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާ ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، ވެންޓިލޭޓަރުގައި އޮންނަތާ 11 ވަރަކަށް ދުވަސް ފަހުން އެ ކުއްޖާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ.
"ވެންޓިލޭޓަރުން ނެގި ނަމަވެސް އެކުއްޖާގެ ހާލު އަދިވެސް ސިވިއާ ސްޓޭޖުގައި މިއޮތީ. އެއް ދަރަޖަ ކުރިއަށް ވުރެ ހާލަތު ރަނގަޅުކޮށް،" ފައިސަލް ވިދާޅުވިއެވެ.
އެ އަންހެން ކުއްޖާގެ އާއިލާއިން މީގެ ކުރިން ބުނީ އެ ކުއްޖާއަކީ އެންމެ ތުއްތު އިރުއްސުރެ، ކިޑްނީ ބައްޔަކަށް ފަރުވާ ކުރަމުންދާ ކުއްޖެއް ކަމަށެވެ. އެ ކުއްޖާއަށް ރަށުން އެންމެ އެކަށީގެންވާ ފަރުވާ ނުލިބޭތީ ކޮންމެ މަހަކު އެއް ފަހަރު މާލެއިން ފަރުވާ ހޯދަން ޖެހޭ ކަމަށް އާއިލާން ބުންޏެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ހުރި ދަތިތަކާއެކު އެ ކުއްޖާއަށް ފަރުވާ ކުރުމަށް މާލެ ގެންނަނީ ކޮންމެ ތިން މަހަކުންނެވެ.
އާއިލާއިން ބުނި ގޮތުގައި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވްވީ މާލެ އައިތާ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ހާލު ދެރަވާން ފެށީ އޭގެ ދިހަ ވަރަކަށް ދުވަސް ފަހުން ކަމަށްވެސް ބުންޏެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންނަށް ކޮވިޑް ޖެހިފައިވާއިރު ބައެއް ކުދިންނަށް އަންނަނީ ހޮސްޕިޓަލުގައިވެސް ފަރުވާ ދެމުންނެވެ. އެގޮތުން އައިޖީއެމްއެޗުގައި އަންނަނީ ހަތަރު ކުއްޖަކަށް ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އެއް މަހުގެ ކުއްޖަކުވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު