މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި ގދ.ތިނަދޫ މަހްމާ ވިލާ، ހަސަން ނުހާދު އާދަމް ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.

މި މައްސަލައަކީ، ގދ.ތިނަދޫ މަހްމާ ވިލާ ގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާ ކޮށް އެތަކެތި ބަންދުކޮށް އޭގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ގދ.ތިނަދޫ ޕޮލިސްޓޭޝަނަށް ލިބުމާ ގުޅިގެން، ކޯޓު އަމުރު ގެ ދަށުން ހަސަން ނުހާދު އާދަމް ގެ ހާޒިރުގައި އޭނާ އުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ މައްސަލައެކެވެ.

އެ ގޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރައްކާ ކޮށް އެތަކެތި ބަންދުކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފުލުހުން ނުހާދު ހައްޔަރު ކުރީ 18 މެއި ގައެވެ

އެއަށްފަހު އޭނާއާމެދު ގޮތެއް ކަނޑައެޅުމަށާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އޭނާ ބަންދުގައި

ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެމައްސަލަ ބަލައި އަމުރުކޮށްފައި ވަނީ، ހަސަން ނުހާދު އާދަމް ބަންދުން ދޫކޮށްލުމަށެވެ.

ދަށު ކޯޓުން އެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، އެ އަމުރު އިސްތިއުނާފު ކުރުމަށް

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓުން އެ މައްސަލަ ބަލައި ކުރި ހުކުމްގައި ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރު، މި މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލު ކުރާ ކަމަށެވެ. އަދި އެ ކޯޓު އަމުރު ނެރުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބަލަން ޖެހޭ ކަންތައްތަކެއް ނުބެލި ހުރިކަން ފާހަގަ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން ނުހާދު ބަންދުގައި ބެހެއްޓުމަށް އެދި ފުލުހުން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކޯޓު ތަކުގެ ގާނޫނުގެ ދަށުން ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ފޮނުވުމަށް ހުކުމް ކުރާ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.