ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގެ ހިދުމަތްތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އެޗްއެމްއެފަށް ޒިޔާރަތްކުރުމަށް ފަހު އިދާރާތަކަށް ހުށަހަޅަހާފައިވާ ކަންކަން ފުރިހަމަވެފައިވާ މިންވަރު ސާފުކުރުމަށް ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗާއި އެޗްއެމްއެފުގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު އެ ކޮމިޝަނުން ބުނީ ބައްދަލުވުމުގައި ލިބިފައިވާ މައުލޫމާތަށް އެޗްއެމްއެފްގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިދުމަތް ދިނުމަށްޓަކައި ފެސިލިޓީގައި ހަރަކާާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާކަމާއި ބަލި މީހުން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ސިއްހީ ހިދުމަތް ދޭ އިތުރު މަރުކަޒުތަކުގައި ބަލިމީހުން ޓްރިއޭޖް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުން ހިމެނޭ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން އެޗްއާރުސީއެމުން ބުނީ މުވައްޒަފުން އިތުރުވުމުގެ ސަބަބުން އެޗްއެމްއެފްގައި އެނދުމަތިކޮށް ފަރުވާދޭ ބަލި މީހުންގެ ކަންތައްތައް ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަންވެސް އެނގިފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން އެޗްއެމްއެފްގެ ހާލަތު ބަލާފައިވަނީ އެޗްއެމްއެފްގެ ހިދުމަތްތަކާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އެ ފެސިލިޓީއަކީ 300 އެއްހާ ބަލި މީހުންނަށް ފަރުވާ ދެވޭނެ ވަރުގެ ފެސިލިޓީއެކެވެ.